ޚަބަރު

ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނު ނުވަތަ "ޓެނެންސީ އެކްޓް" ޓްރާފްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ހައުސިން މިނިސްޓްރީން ވަނީ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނު ޑްރާފްޓް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރާއްޖޭގައި މިހާތަނަށް ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ވަކި ޙާއްސަ ޤާނޫނެއް ހެދިފައިނުވާއިރު، ކުލީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މައްސަލައަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަމަށް ހައްލެއް ގެނެއުމަށްޓަކާ އެކި ދުވަސްވަރު މަތިން ތަފާތު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މިއަދާ ހަމައަށް މިކަމަށްވަނީ އެދެވޭ ވަރެއްގެ ހައްލެއް ނުލިބިއެވެ.

މިފަދަ ޤާނޫނެއް އެކުލަވާލުމުގެ ސަބަބުން ބޮޑު އަގުގައި ކުލި ދޭ ދިނުން ހުއްޓުވައި، ގޯތި ގެދޮރު ކުއްޔަށް ދިނުމުގައި ކުއްޔަށް ދޭ ފަރާތާއި، އެތަނެއް ކުއްޔަށް ހިފާ ފަރާތުގެ މަސްލަޙަތުވެސް ރައްކާތެރިކުރެވިގެންދާނެކަމަށް ގިނަ ފަރާތްތަކަކުން ޤަބޫލުކުރެއެވެ. އަދި މިއީ މިވަގުތަށް ރާއްޖެއަށް ކޮންމެހެންވެސް ބޭނުންވާ ޤާނޫނެއްކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ޤަބޫލުކުރެއެވެ.