މަރާލާފައިވާ އަދި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އުފައްދަވާފައިވާ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މަރުތަކާއި ގުޅޭ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ވަނީ ތަހުގީގު ކުރަން ބޭނުންވާ މަރުތަކާއި ގުޅޭ މައްސަލަތައް އެކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާފައެވެ. އަދި އެކަމަށް އެއްމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މައުލޫމާތުތައް މިއަދު ހާމަ ކުރައްވާނެ ކަމަށް ކުރިން އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މަރުތަކާއި ގުޅޭ މައްސަލަތައް ބެލުމަށް އެކުލަވައިލާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުތަކާއި ގުޅޭ ގޮތުން މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށާއި މި މުއްދަތުގައި މިހާތަނަށް އެ ކޮމިޝަނަށް ގިނަ އަދަދެއްގެ މަރުގެ މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަފުސީލު އަންނަ އާދީއްތަ ދުވަހު ހާމަކުރައްވާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ކޮމިޝަނުން ބަލަމުންދާ މައްސަލަތައް 3 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އެކުލަވާލާ އެ ކޮމިޝަނަށް މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް އައްޔަންކުރެއްވީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ. މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުންނަކީ
އަލްއުސްތާޛު ޙުސްނުއްސުޢޫދު، ހަސަންކާރިގެ، ސ.މީދޫ (ކޮމިޝަންގެ ރައީސް)
އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
އަލްއުސްތާޛާ ފަރީޝާ ޢަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
އަލްފާޟިލް މިޞްބާޙް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ
މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.