ޚަބަރު

މުއާޒު ދެއްކީ ދޮގު ވާހަކަތަކެއް - ޕީޕީއެމް


ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައިގައި ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމްގެ އިސް ބައެއް ވެރިންނާ ގުޅޭގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ ދެއްކެވީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައިގައި ރައީސް ޔާމީނާއި ޕީޕީއެމްގެ އިސް ފަރާތްތަކަށް ތުހުމަތުކޮށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ދެއްކެވި ވާހަކަތައް ދޮގުކޮށް އިދިކޮޅު ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުއާޒު އަމިއްލަ ހައިސިއްޔަތުން މީޑިއާއާ ބައްދަލުކުރައްވާއި ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ މުސްތަޝާރުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތަކެއް އެޅުވުމަށްފަހު، ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި މުއާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެ ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ސުލޫކީ ކޮމިޓީން އެމައްސަލަ ބަލައި ތަހްގީގު ކުރަން ނިންމާފައިވާ ކަމަށެވެ. ޕީޕީއެމުން ނޫސް ބަޔާން ނެރުމުގެ ކުރިން މުއާޒު ވަނީ ޕީޕީއެމުން އިސްތިއުފާ ދެއްވާފައެވެ.

މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޢާޒް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއަކީ ބިރުވެރި ހާދިސާއެއްކަމަށާއި، އެދުވަހު ލޯންޗުކޮޅުގައި ކަންހިނގައި ދިޔައީ އޭގެ ކުރިން ޢާންމު އުސޫލުން ކަންހިނގާ ގޮތަށް ނޫންކަމަށެވެ. މުޢާޒް ވަނީ މި ހާދިސާ ސަރުކާރާއި ފުލުހުން ތަޙުޤީޤްކުރުމަށް ގޮވާލައްވާފައެވެ.