ވިޔަފާރި

މުދާ ކްލިއަރކުރުމަށް ދިމާވެފައިވާ ދަތިތައް ރޯދައިގެ ކުރިން ޙައްލުކުރަނީ


މާލެ ވިޔަފާރި ބަނދަރުން ކޮންޓެނިއަރ ހުސްކުރުމުގައި ދިމާވެފައިވާ ދަތިތައް އަންނަ ރޯދަމަހުގެ ކުރިން ހައްލުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބަނދަރަށް އަންނަ ބޯޓުތަކުން ކޮންޓެއިނަރު ބާލާ، މުދާ ކްލިއަރކުރުމުގައި ލަސްތަކެއް ކުރިމަތިވަނީ މިހާރު ބޭނުންކުރާ ގިނަ ވެހިކަލްތަކާއި އިކުއިޕްމަންޓުތައް ހަލާކުވެފައިވާތީކަމަށެވެ.

"މިހާރު އެމްޕީއެލްގެ ބަދަނރުގެ އޮޕަރޭޝަންގެ ހާލަތު އެހާ ރަގަނޅަކަށް ނޫން އޮތީކީ. މުދާ ބާލަން އަދި ކޮންޓެއިނަރތައް ހެންޑަލްކުރަން ގެންގުޅޭ ވަސީލަތްތައް، ހުރިހާ ވެހިކަލްތައް، ވަރަށް ގިނަ ވެހިކަލްތަކާއި އިކުއިޕްމަންޓުތައް މިހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވީމަ މިހާރުން މިހާރަށް އަސްލު ކުރަންޖޭހޭ ކަމެއް، މާލޭ ކޮމާރޝަލް ހާބަރގެ އިކުއިޕްމަންޓުތައް ރަގަނޅު ކުރުން. މިތަނުން ކޮންޓެއިނަރތައް، ހުސް ކޮންޓެއިނަރ އެރުވުމުގައި ވީހާ އަވަހެއް ކުރުން. އެވަސްކުރެވޭނީ، ހިދުމަތް އަވަހަށް ދެވޭނީ މިދަންނަވާހެން އިކުއިޕްމަންޓާއި އެހެން ވަސީލަތްތައް ރަގަނޅުކޮށްގެން. އެކަންތައްތަކަށް މިހާރުން މިހާރަށް އެބަޖެހޭ މަސައްކަތް ކޮށްގެން އަވަސްކުރަން. އޭގެ ސަބަބަކަށް ވެގެންދާނީ އަންނަ ބޯޓުތައް އަވަހަށް ފުރުވާލެވުން. އޭރުން އެވިދާޅުވާ ހަރަދުތައް ކުޑަކުރެވޭނެ."

ޝާހިދު ވިދާޅުވީ މިކަމަށް ހައްލެއް ގެނެސް، ވިޔަފާރިވެރިންނަށް ގެއްލުން ނުވާނެހެން، އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކާ އެމްޕީއެލްއަށް އާ ވެހިކަލް އަދި އިކުއިޕްމަންޓު ހޯދާ އަދި މިހާރު ހުރި ހަލާކުވެފައިވާ ތަކެތި މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެމައްސަލަތައް ރޯދަމަހުގެ ކުރިން ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިހާރު ބައެއް ބޯޓު ފަހަރު ބަނދަރުގައި އެބަވޭ، 10 ދުވަސްވެސް، 12 ދުވަސްވެސް 15 ދުވަސްވެސް އަޅުގަނޑުމެން އެވްރެޖްކޮށް މިވަރު ބޯޓެއް މިތަނުން ފުރުވާލެވެން ވާނެ ފަސް ދުވަހުން ހަ ދުވަހުން. މިއީ އަޅުގަނޑުމެން އެޗީވް ކުރަން ބޭނުން ޓާގެޓަކީ. ފަސްދުވަސް ހަދުވަހުގެ ތެރޭގައި ބޯޓު ފަހަރު ރާއްޖެއަންނަ ބޯޓު ފަހަރު އަނބުރާ ފުރުވާލުން. އޭގެ މާނައަކީ ދެން އެ މުދާ ލިބިގަންނަ ފަރާއްތަތްތަކަށްވެސް، އަވަހަށް މުދާ ލިބިގެންދާނެ. ކޮންޓެއިނަރގަ ބޯޓުން ގެންނަ މުދާ އެތެރެކުރާ ފަރާތައް އަވަހަށް ލިބިގެންދާނެ. މިހާރު މިކުރާ މަސައްކަތުން އަޅުގަނޑުމެން މިބަލަނީ ރޯދަމަހުގެ ކުރިން މިމަސައްކަތްކޮށް، މިދެންނެވި ވަރުގެ ހައްލެއް ގެނެވޭނެ ކަމަށް މިބަލަނީ." ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލުން މުދާ ކްލިއަރކުރުން އަވަސްކުރުމަށް މަސައްކަތްކުރަމުންދާއިރު، މުދާ ކްލިއަރ ކުރުން ލަސްވުމުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވިޔަފާރިވެރިން ބުނާގޮތުން މުދާ ކްލިއަރ ކުރުން ލަސްވުމުގެ ސަބަބުން ވިޔަފާރީވެރިންނަށް ގެއްލުންތައް ކުރިމަތިވެ، މުދަލުގެ އަގުބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. އެހެންކަމުން މުދަލުގެ އަގު ހެޔޮކުރުމަށް، އެމްޕީއެލުން މުދާ ކްލިއަރކުރުމުގެ މަސައްކަތް އަވަސްވާންޖެހެއެވެ.