ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ހއ.ދިއްދޫގައި ވޯޓަރ ޕާކެއް ހުޅުވައިފިއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދިއްދޫގައި ހުޅުވި މި ޕާކް ހަދާފައިވަނީ ދިއްދޫގައި އާންމުން މޫދަށް އެރި އުޅޭ ސަރަހައްދުގައެވެ. ސްވިމިންގް އެސޯސިއޭޝަނުން ބުނީ މި ޕާކުގައިހުރި ތަކެއްޗަކީ އެ އެސޯސިއޭޝަނުން ދިއްދޫގެ ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށެވެ. މި ޕާކް ހުޅުވާފައިވަނީ އާންމު ހުރިހާ ރައްޔިތުންނަށްވެސް ބޭނުން ކުރެވޭ ގޮތަށެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ ގުޅިގެން ވަނީ ފެތުމުގެ ފެސްޓިވަލެއްވެސް ބާއްވާފައެވެ.
މިއަދު ދިއްދޫގައި ކުރިއަށްގެންދިޔަ އެއްދުވަހުގެ މިފެސްޓިވަލްގައި ތަފާތު މޫދުކުޅިވަރުތަކުގެ މުބާރާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިފެސްޓިވަލަކީ ސުނާމީގައި ގެއްލުންވި ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ފެސްޓިވަލެއްކަމަށް ސްވިމިންގ އެސޯސިޢޭޝަނުން މަޢުލޫމާތުދެއެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައިވެސް ސުނާމީގައި ގެއްލުންވި ރަށްތަކުގެ ތެރެއިން ކޮންމެވެސް އެއްރަށެއްގައި މިކުޅިވަރުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެއެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވިއެވެ. އަދި މިފަދަ ފެސްޓިވަލްތަކުގެ ސަބަބުން ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މަޤްޞަދުވެސް ވަރަށް ރަގަޅަށް ހާޞިލްވެގެންދާކަމަށް އިސްމާޢީލް ޢަލީ ވިދާޅުވިއެވެ.