ޚަބަރު

އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް އުކުޅު ހުޅުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި


އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުކުޅު ހުޅުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ.

89 އަހަރުގެ އުމުރުން ދުވަސްވީ އަންހެނެއްގެ އުކުޅު ހުޅު ކައިރީ ފައި ބިންދައިގެންދިއުމާ ގުޅިގެން ކުރެވުނު މި އޮޕަރޭޝަނުގައި ހަރަކާތްތެރިވީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗާރޖް އޮފް މެޑިކަލް ޑިޕާރޓްމަންޓް ޑރ. ޢާޒިމް އަބްދުލް ޝަކޫރާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގެ އިތުރުން، ހިތަދޫ ރީޖިނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެވެ. ޑޮކްޓަރުންގެ ޓީމުން ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑރ. އާޒިމް ވިދާޅުވީ މާލެ ނުގޮސް ރަށްރަށުގައި މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ މަގު ފަހިވެގެންދިއުމަކީ މުހިންމުކަމެއްކަމަށާއި، އަތޮޅުތެރޭ ހޮސްޕިޓަލްތަކުގައި މިފަދަ އޮޕަރޭޝަންތައް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ އާލާތްތައް ނުލިބުން ކަމަށެވެ.

"
"އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ ބޭނުންވާ އިންސްޓްރުމެންޓާ އިކުއިޕްމެންޓްސްތައް ނުލިބުން. މި ކޭސްގައި ވެސް އަޅުގަނޑުމެން ބޭނުންކޮށްފަ ހުރި ކަށީގެ ތެރެއަށް ލައްވާ އިސްކުރުތަކާއި ބޮލްޓްތަކަކީ އެއީ އަޅުގަނޑުމެން އައިޖީއެމްއެޗް އަށް ގުޅައިގެން އެބޭފުޅުންގެ އެހީތެރިކަމާއި އެކީގައި އަޅުގަނޑުމެން ހޯދި އެއްޗެހި. އެއީ އެންމެ ބޮޑު ޗެލެންޖަކީ"
ޑރ. އާޒިމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝާހް ސަޢީދު ވިދާޅުވީ މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ މުހިއްމު އާލާތްތައް ލިބުމަކީ ހޮސްޕިޓަލުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

"ބައެއް ކަހަލަ އޮޕަރޭޝަންސްތަކަށް ބޭނުންވަނީ އެ އޮޕަރޭޝަނަށް ޚާއްޞަ ޓޫލްއެއްވީމަ، އަޅުގަނޑުމެން އެބަޖެހޭ އައިޖީއެމްއެޗުން އެ އެއްޗެހިތައް ގެންނަން. މިވަގުތު އަޅުގަނޑުމެން އެކަން އެކުރަނީ އެހެން. އެހެންނަމަވެސް، މިގޮތަށް މިކަންކަން ކުރިޔަށް ގެންދަން އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ އެފަދަ އިކުއިޕްމެންޓްސްތައް ހޯދަން. އެހެންކަމުން އަޅުގަނޑުމެންގެ އުއްމީދަކީ ހެލްތް މިނިސްޓްރީއާ ގުޅިގެން މި ކަންކަން އެންމެ އަވަސް ގޮތެއްގައި ވުން." ޝާހް ސަޢީދު ވިދާޅުވިއެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލުގައި ވަނީ މީގެ ދެ މަސް ކުރިން ކަކުލު ހުޅު ބަދަލުކުރުމުގެ ބޮޑު އޮޕަރޭޝަނެއްވެސް ކާމިޔާބުކަމާއެކު ކޮށްފައެވެ. އަތޮޅުތެރޭގައި ދެވޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުންވަނީ އިތުރު 3 ޓާޝަރީ ހޮސްޕިޓަލް އަތޮޅުތެރޭގައި އަޅާނެކަމަށް ބުނެފައެވެ.