ޚަބަރު

ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ސަރަހައްދުގައި ބެހެއްޓުމަށް ރައީސް ނިންމަވައިފި


ކަޅުވަކަރު މިސްކިތް، ރަސްރަނި ބަގީޗާ ސަރަޙައްދުގެ ތެރޭގައި ބެހެއްޓުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭގޮތުން ވަޒީރުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ކުރިން ބޭއްވި ކެބިނެޓްގެ މަސައްކަތު ބައްދަލުވުމުގައި ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުއްވުމާ ގުޅެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނާ ޙިއްޞާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން އެ މިސްކިތުގެ ޚާއްޞަކަމާއި، މިސްކިތް އަލުން ބަހައްޓާނެ ތަނެއް ކަނޑައެޅުމުގައި ވިސްނުން ގެންގުޅުއްވި ކަންކަމާއި، މިސްކިތް އަލުން ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ފަރާތްތަކުން ދެއްވި މަޝްވަރާއާއި، ކަމާބެހޭ ފަންނީ ތަޖުރިބާކާރުން ދެއްވި ލަފައާއި، ޢާންމުންގެ ޚިޔާލު ހޯއްދެވުމަށް ބޭއްވެވި ބައްދަލުވުމުގެ ތަފްޞީލު ފަންނީ ޓީމުން ވަނީ ވަޒީރުންނާ ޙިއްޞަކޮށްފައެވެ.

ކަޅުވަކަރު މިސްކިތް، ރަސްރަނި ބަގީޗާ، (ކުރީގެ ސަލްޓަން ޕާކު) ސަރަޙައްދުގެ ތެރޭގައި ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ކަމާބެހޭ ފަންނީ ބޭފުޅުންގެ މަޝްވަރާގެ މަތިން ވަޒީރުންގެ މަޖިލީހާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު، އަދި ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްވެސްކުރެވޭ ތަނެއްގެ ގޮތުގައި، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ގޮތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ވަނީ އާންމުކޮށް ހުޅުވާލައިގެން ފޯރަމެއް ބާއްވާފައެވެ. މި ފޯރަމްގައި ވާހަކަދެއްކި ބައެއް މީހުންވަނީ ކަޅުވަކަރު މިސްކިތް ބަހައްޓަން އެންމެ ރަނގަޅީ އެމިސްކިތުގެ އަސްލު ނުގެއްލޭގޮތަށް ކުރިންވެސް އެމިސްކިތް ހުރި ސަލްޓަން ޕާރކް ސަރަޙައްދުގައި ކަމަށްބުނެ ޚިޔާލު ފާޅުކޮށްފައެވެ. އަދި ބައެއް މީހުންވަނީ މި މި މިސްކިތް ބަހައްޓަން އެންމެ ރަނގަޅީ ހުޅުމާލެފަދަ ތަނަވަސް ބިން ބޮޑު ތަނެއްގައި ކަމަށް ބުނެފައެވެ. އަދި އަލުން މިސްކިތް ބަހައްޓާއިރު، މިއުޒިއަމާއެކު އެތަނުގައި ނަމާދު ކުރެވޭ ގޮތަށާއި ފަތުރުވެރިންނަށް މިސްކިތް ބަލާލެވޭ ގޮތަށް މައުލޫމާތު ސެންޓަރެއް ޤާއިމްކޮށް ފީއެއް ނަގައިގެން އެތަން ތަރައްޤީކުރަން ބައެއް މީހުންވަނީ ޚިޔާލު ހުށަހަޅާފައެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.

މި މިސްކިތް ބިނާކުރިފަހުން 3 ފަހަރު މަތިން މިސްކިތްވަނީ އެހެންތަންތަނަށް ބަދަލުކޮށްފައެވެ. އެންމެ ފަހުން އެމިސްކިތް ބަހައްޓާފައިވަނީ ކުރީގެ ސަލްޓަންޕާރކް ސަރަހައްދުގައެވެ. ކުރީގެ ސަރުކާރުން 8 މެއި 2016 ގައި އެމިސްކިތް އެތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ. އެހެންނަމަވެސް، މިސްކިތް އެހެންތަނަކަށް ބަދަލުކުރުން ލަސްވަމުން ދިއުމާ ގުޅިގެން ބައެއް އާންމުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، މިސްކިތް ރޫޅާލުމަށްފަހު ބަހައްޓާފައި ހުރިތަނެއްވެސް ސަރުކާރު ނިމިގެންދިޔައިރުވެސް ހާމަކޮށްފައެއް ނުވެއެވެ.

ކަޅުވަކަރު މިސްކިތަކީ އެތައް ޚާއްޞަކަމެއް އެކުލެވިގެންވާ އެހެން މިސްކިތްތަކާ ޚިލާފު މިސްކިތެކެވެ. މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ.