ޚަބަރު

ޕީއެންސީ އުފެއްދުމަށް އަލުން ހުށަހަޅައިފި


ޕީޕީއެމްގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ އެޕާޓިން ވަކިވެވަޑައިގެން "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" އުފެއްދުމަށް އަލުން ހުށައަޅައިފިއެވެ.

ޕީއެންސީގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އަލުން އެދިފައި މިވަނީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ޢަބްދުއްރަޙީމް ޢަބްދުﷲ އައު ޕާޓިއެއް އުފެއްދުމަށް އެދިވަޑައިގަތުމުން އެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. އެކޮމިޝަނުން ބުނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުރި މީހަކަށް ވަކި އާޕާޓީއެއް ރަޖިސްޓަރ ކުރަން ޤާނޫނީގޮތުން ހުށަނޭޅޭނެ ކަމަށާ، ޕީއެންސީ އުފައްދަން ހުއްދަނުދިނީ އެހެންވެގެންކަމަށެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގެ 21 ވަނަ މާއްދަގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައަޅާ މީހަކީ އެއްވެސް ޕާޓީއެއްގެ މެންބަރަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

"ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނުމާ ގުޅިގެން ޢަބްދުއްރަހީމް މިއަދު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އައު ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަމަށާއި، ކޮމިޝަންގެ ފަރާތުން ލުއިފަސޭހަކޮށްދެވެންހުރި ކަންކަން ޕާޓީ އުފައްދާ ފަރާތަށް ލުއިފަސޭހަ ކޮށްދޭނެކަމަށެވެ.

ކުރީގެ ރައީސް ޔާމީން އައު ސިޔާސީ ޕާޓިއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ، ޕީޕީއެމް ހިންގުން އަލުން ކުރީގެ ރައީސް މައުމޫނާ ހަވާލުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ޙަވާލުކުރީ، އެޕާޓީގެ ރައީސަކަށް ކުރީގެ ރައީސް މައުމޫން ހުންނަވަނިކޮށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކުންނެވެ. ފަހުން ރައީސް މައުމޫން ވަނީ އެޕާޓީގެ މެންބަރުކަމުން ވަކިކޮށްފައެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ޕީޕީއެމުން ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްއެއްގައި އެޕާޓީގެ ރައީސަކަށް ރައީސް ޔާމީންވަނީ އިންތިޚާބުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނަމަވެސް ޕީޕީއެމުން ބޭއްވި ކޮންގްރެސް ޞައްޙަކަމަށް ހައިކޯޓުން ޙުކުމް ކުރުމާގުޅިގެން، ރައީސް ޔާމީނަކީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ. އަދި ޕީޕީއެމްގެ ކޮންގްރެސް މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓް މަރުޙަލާގައެވެ.

ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނާ ހަވާލުކުރުމަށް ހުށަހެޅި މައްސަލައާއި، ޕީޕީއެމްގެ ކޮންގްރެސް މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީ އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅޭކަން ކުރީގެ ރައީސް ޔާމީން ވަނީ އިޢުލާންކުރައްވާފައެވެ.