ޚަބަރު

ނައިބް ރައީސް، ސިއްޙަތަށް ގެއްލުންހުރި ބުއިންތަކާ ދުރަށް


ސިއްޙަތަށް ގެއްލުންހުރި ލުއި ބުއިންތަކުން ދުރުވެވަޑައިގަތުމަށް ނިންމަވާފައިވާކަން ނާއިބް ރައީސް ފައިސަލް ނަސީމް އިޢުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މި ނިންމެވުން އިއުލާން ކުރެއްވީ، ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކާއި އޭގެ ގެއްލުމުގެ ވާހަކަ ކިތަންމެ ވަރަކަށްދެއްކިނަމަވެސް އެންމެ ގުޅިގެން މަސައްކަތް ނުކުރާނަމަ ކިތަންމެ ޒަމާނެއްވިޔަސް އެކަން ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި މިމަސައްކަތްކުރުމުގައި ފަރުދީ ޒިންމާއާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޒިންމާވެސް ބޮޑުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހިންނަކީ ނަސޭޙަތް އަޑު އަހާބައެއްނަމަވެސް ބައެއްފަހަރު މިފަދަ ކަންކަމަށް ފަރުވާކުޑަކުރެވޭކަމަށާއި އެހެންކަމުން އެކަން ބަދަލުކުރަން ޖެހޭކަމަށެވެ. އަދި ތަޖުރިބާކާރުންނާއި ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކުގެ ކެއިންބުއިންތައް ބޭނުންކުރުމުގެ ސަބަބުން އެކި ނުރައްކާތެރި ބަލިތައް ތަޙައްމަލުކޮށްފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހައި އެކަންކަމުން އިބުރަތް ހާސިލްކުރަންޖެހިފައިވާކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

ނާއިބް ރައީސް ވިދާޅުވީ ސިއްޙަތަށް ގެއްލުން ހުރި ބާވަތްތަކާއި ދުރުހެލިވުމަށް އެއްބަޔަކު ނަސޭޙަތްތެރިވަމުންދާއިރު އަނެއް ބަޔަކު އެފަދަ ބާވަތްތައް ޕްރޮމޯޓުކުރަމުންދިއުމަކީ އެކަމާމެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއްކަމަށެވެ. އަދި ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކާމެދު ޢާއްމުން ހޭލުންތެރިކުރުމަށް އެއްބަޔަކު މަސައްކަތްކުރާއިރު އަނެއްބަޔަކު އެބާވަތްތައް ޕްރޮމޯޓުކުރާނަމަ މިކުރާ މަސައްކަތަކީ ދެކޮޅު ނުޖެހޭ މަސައްކަތަކަށްވެ އެކަން ނާކާމިޔާބު ވަމުންދާނެކަމަށްވެސް ނާއިބްރައީސް ވިދާޅުވިއެވެ.