ވިޔަފާރި

2018 އަކީ ކުންފުނީގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރު - އެލައިޑް


2018 ވަނަ އަހަރަކީ ކުންފުނީގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރުކަމަށް އެލައިޑް އިންޝުއަރެންސުން ހާމަކޮށްފިއެވެ.

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެލައިޑް އިންޝުއަރެންސްގެ މަސައްކަތްތަކާބެހޭ ގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެކުންފުނީގެ މާރކެޓިން މެނޭޖަރ ނިއުޝާދް ޝަރީފު ވިދާޅުވީ 2018 ވަނަ އަހަރަކީ އެލައިޑުން ގިނަ އައު ހިދުމަތްތަކެއް ތައަރަފްކޮށް، މިހާރު ހުރި ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާކުރެވިގެން ދިޔަ އަހަރެއްކަމަށެވެ.

"އެންމެ ބޮޑުކަމަކަށް ކުރެވުނީ ކޮންސްޓްރަކްޝަން ދާއިރާއަށް ހާއްސަކޮށް ތައަރަފްކުރެވުނު ކަވަރޭޖް ޕެކޭޖުތައް. ޕާރސަނަލް ލައިން ނުވަތަ އާންމުންނަށް ދެވޭ ޓްރެވަލަރޒް އިންޝޯރަންސް ޕޮލިސީއަށް ހާއްސަކޮށް އޮންލައިން ޕޭޖެއްވެސް މިއަހަރު އެލައިޑްއިން ތައަރަފްކުރިން. މިކަމުގެ ސަބަބުން ޓްރެވަލް އިންޝުއަރެންސް ނަގާ ފަރާތްތައް 64 އިންސައްތަ އިތުރުވި. މިއަހަރަކީ އެލައިޑްގެ 33 އަހަރު ތެރޭގައިވެސް އެންމެ ކާމިޔާބު އެއް އަހަރު. އިންޝުއަރެންސް ކުންފުންޔަކުން ވިޔަފާރި ކުރާނީ ދެގޮތަކަށް. އެއް ގޮތަކީ އިންޝުއަރެންސް ޕޮލިސީ ވިއްކާ އަދަދު އިތުރުކުރުން ދެވަނަ ގޮތަކީ ބަދަލުގައި ދެވޭ ފައިސާގެ އަދަދު މަދުކުރުން. އެގޮތުން ބަލާނަމަ މިއީ އެންމެ ކާމިޔާބު އަހަރުކަމަށް" ނިއުޝާދު ވިދާޅުވިއެވެ.

ސާޅީސް ހާހަށްވުރެ ގިނަ ކަސްޓަމަރުން ތިބި އެލައިޑް އިންޝުއަރެންސް ކުންފުނީގެ 20 އިންސައްތަ ކަސްޓަމަރުންނަކީ އާންމު ފަރުދުންކަމަށްވާއިރު، 80 އިންސައްތަ އަކީ ވިޔަފާރި ކުންފުނިތަކެވެ.

ދިވެހިންގެ މެދުގައި ކުރިޔަށްވުރެ އިންޝުއަރެންސް ކުރުމުގެ އާދަ އިތުރުވަމުންދާކަން ފާހަގަކުރަމުން ނިއުޝާދު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެކި ކަންކަމާ ގުޅިގެން އިންޝުއަރެންސް ޕޮލިސީ ނަގާފައިވާ މީހުންނާއި، ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިން ފައިސާގެ ޖުމްލަ އޭގެ ކުރީ އަހަރަށް ވުރެ މަދުކަމަށެވެ. މިއީ ކުންފުންޏަށް ލިބު ފައިދާއެއްކަން ފާހަގަކުރަމުން ނިއުޝާދު ވިދާޅުވީ 2017 ވަނަ އަހަރު 158 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދިންއިރު، މިއަހަރު ބަދަލުގެ ގޮތުގައި ދީފައިވަނީ 65 މިލިއަން ރުފިޔާކަމަށެވެ.

2018 ގައި އެލައިޑުން މުޅިން އަލަށް ތައަރަފްކުރި ހިދުމަތްތަކަށް ބަލާއިރު ހެލްތު އިންޝުއަރެންސް ޕޮލިސީގެ ބަދަލަށް އޮންލައިންކޮށް އެދުމުގެ ހިދުމަތާއި، ކޮންސްޓްރަކްޝަން ދާއިރާއަށް ހާއްސަ ބޮޑެތި ކަވަރެޖް ލިބޭ ޕޮލިސީވެސް ހިމެނެއެވެ. މީގެއިތުރުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ކަސްޓަމަރުންނަށް އެލައިޑްގެ ހިދުމަތްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭން ފެށީވެސް މިއަހަރުއެވެ.

1985 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއާއި އިނގިރޭސިވިލާތުގެ ކޮމާރޝަލް ޔޫނިއަން އިންޝުއަރެންސްއާއި ދެމެދު ޤައިމްކުރި ޖޮއިންޓް ވެންޗައަކުން އުފެއްދި އެލައިޑް އިންޝުއަރެންސް އަކީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ފެށި ފުރަތަމަ ކުންފުންޏެވެ.

ނަމަވެސް 1987 ވަނަ އަހަރު އެސްޓީއޯއިން ވަނީ އިނގިރޭސިވިލާތުގެ ކޮމާރޝަލް ޔޫނިއަން އިންޝުއަރެންސްގެ ކޮންޓްރޯލްގައި އޮތް އެލައިޑްގެ ހިއްސާތައް ގަނެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.