"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" ގެ މެންބަރުކަމުން ހެންވޭރު މާފިޔަ ޢަބްދުﷲ މުނާޒް އިސްތިޢުފާ ދެއްވައިފިއެވެ. ރައީސް އޮފީހުން ބުނީ ޢަބްދުﷲ މުނާޒް އެ މަޤާމުން އިސްތިޢުފާ ދެއްވީ އިއްޔެގެ ވަގުތެއްގަކަމަށެވެ.
މައުމޫލާތު ލިބިފައިވާ ގޮތުގައި މުނާޒު މަޤާމުން އިސްތިއުފާދެއްވީ ކޮމިޝަނަރ އޮފް ޕްރިސަންސްގެ މަޤާމަށް އޭނާ އައްޔަންކުރުމަށް ހަމަޖެހުމާއި ގުޅިގެންނެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އެކުލަވާލާ އެ ކޮމިޝަނަށް މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް އައްޔަންކުރެއްވީ  17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ. މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުންނަކީ 
އަލްއުސްތާޛު ޙުސްނުއްސުޢޫދު، ހަސަންކާރިގެ، ސ.މީދޫ   (ކޮމިޝަންގެ ރައީސް)
އަލްފާޟިލް އާދަމް އިބްރާހީމް،  ގ.ޑިމްލައިޓް
އަލްއުސްތާޛާ ފަރީޝާ ޢަބްދުﷲ،  މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
އަލްފާޟިލް މިޞްބާޙް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ 
މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ  މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ  އިދާރާއަކަށް  ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.
މި ކޮމިޝަނުން ބަލަމުންދާ މައްސަލަތައް 3 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް  އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި  ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ލިސްޓެއް މިމަހުގެ 27 ވަނަ ދުވަހު އާއްމުކުރާނެކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.