ވިޔަފާރި

މުދާ ކުލިއަރ ކުރުމުގެ މަސައްކަތް މިހާރުހުރީ ބުރަ ބޮޑުވާގޮތަށް - ޝާހިދު


މާލޭ ވިޔަފާރި ބަނދަރުން މުދާ ކުލިއަރ ކުރުމުގެ މަސައްކަތް މިހާރުހުރީ ވަރަށް ބުރަ ބޮޑުވާގޮތަށްކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. މާލޭ ވިޔަފާރި ބަނދަރުން މުދާ ކުރިއަރކުރާ ވަގުތަށް ބަދަލުގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ ވިދާޅުވީ، މާލޭ ވިޔަފާރީ ބަނދަރުން މުދާ ކްލިއަރ ކުރާ ވަގުތަށް ބަދަލު ގެނައުމަށް މަޝްވަރާކުރަމުންދާކަމަށާއި، މިހާރު އެތަނުގެ މަސައްކަތްތައް ހުރީ ރޭގަނޑުގަޑީ ބުރަ ބޮޑުވާގޮތަށްކަމަށެވެ.

ޝާހިދު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރކޮށް، ނެރޭ ގަނޑިތަކަށް ކުރީގެ ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން އެތަނުގެ މަސައްކަތްތަކަށް ދަތިތަކާ ކުރިމަތިވިކަމަށެވެ.
ޝާހިދު ވިދާޅުވީ ވިޔަފާރީ ބަނދަރަކީ 24 ގަޑިއިރު ހިނގަންޖެހޭ ތަނެއްކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން ވިޔަފާރީ ބަނދަރުން މުދާ ނެރެވޭ ގަނޑި ހަމައެކަނި ރޭގަނޑަށް ބަދަލުކުރުމާއި ގުޅިގެން މަސައްކަތުގެ ލޯޑު ބޮޑުވިކަމަށެވެ.

"މިމަސައްކަތަކީ 24 ގަނޑިއިރު ކުރަންޖެހޭ ކަމެއް. ނަމަވެސް މިހާރު ދުވާލު ގަނޑީގައި އަޅުގަނޑުމެންނަށް މުދާ ކްލިއަރ ނުކުރެވުނީމަ، ހަވީރު އިރުއޮއްސޭ ގަނޑިއަށް އެއްފަހަރާ ވަރަށް ގިނަ ފަރާތްތަކުން މަސައްކަތް ފަށައިގަންނަންޖެހެނީ. ދުވާލު ގަނޑީގައި މަސައްކަތް ނުކުރެވުމުގެ ނަތީޖާއަކީ، ރޭގަނޑު މަސައްކަތް ފުނިޖެހުން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބަނދަރުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި މުދާ ނެރޭ ގަޑިތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، މުދާ ނެރޭ ގަޑިތަކުގެ ސަބަބުން އެމްޕީއެލް ސަރަހައްދު ތޮއްޖެހުމުގެ މައްސަލައާއި، ވިޔަފާރިވެރިންނަށް އަވަހަށް މުދާ ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ.

" މިވަގުތު ޕެރިޝަބަލް ނުވަތަ އަވަހަށް ތަރުކާރީ ފަދަ މުދާ ހުރިހާ ވަގުތެއްގައިވެސް ނެރެވޭ ގޮތަށް. އަދި މިހާރު އެހެން މުދާތަށް މެންދުރުފަހު ތިނެއްގެ ފަހުން ނެރެވޭ ގޮތަށް މިހާރު މިއޮތީ. އެހެންވީމަ ކޮންމެސް ވަރެއްގެ ބަދަލުތަކެއް މިވަގުތު ގެނެވިފައި މިއޮތީ، ދެން އެކަމު އެބަދަލުތައް ގެނެވިފައި މިއޮތީ ސްކޫލްތައް ހުޅުވުމާއި ހަމަޔަށް. އަޅުގަނޑުމެން މަޝްވަރާކުރަމުން މިއަންނަނީ މަގުތަކަށްވެސް މި އޮޕަރޭޝަނަށްވެސް އެހާ ދަތިނުވާ ގޮތަށް ބައްޓަންކުރެވޭނީ ކިހިނެއްތޯ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވިޔަފާރި ބަނދަރުން މުދާ ނެރުމުގެ އުސޫލަށް ބަދަލުގެނެސް ބައެއް ކަހަލަ މުދާ އެކި ވަގުތުތަކުގައި ނެރެވޭނޭ އިންތިޒާމް ހަމަޖެއްސިދާނޭކަމަށެވެ. މިކަމުގެ ސަބަބުން ތަނުގެ ހިންގުމާއި، ވިޔަފާރި ބަނދަރުން މުދާ ނެރޭ ވިޔަފާރިވެރިންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެކުރިން އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް މުދާ ނެރުމަށް ހަމަޖައްސާފައި އޮތްނަމަވެސް، އެމްޕީއެލްއިން ވަނީ، ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖެނުއަރީމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންޓެއިނަރގައި ހުންނަ މުދާ މެންދުރުފަހު ތިނަކުން ހެނދުނު ހައެއް ޖެހުމާއި ހަމަޔަށް ނެރެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. މީގެ އިތުރުން މިގޮތުން ފިޔާ، އަލުވި، ބިސް ފަދަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ 24 ގަޑިއިރު ނެރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.