ޚަބަރު

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލަކު ސިޓީގައި ހަރަކާތްތަކެއް ކުރިއަށްގެންދަނީ


ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި ޚާއްޞަ އަތުގުޅާލުމުގެ ޙަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން މާދަމާ ހަވީރު 4:15 ގައި ބާއްވާ މި ޙަރަކާތް ކުރިއަށްދާނީ، ފުވައްމުލަކު ސިޓީ މައިލޯ ސްޓޭޑިއަމްގައި ކަމަށް ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ބުނެއެވެ.
މި ޙަރަކާތް ބޭއްވުމުގެ މަޤްޞަދަކީ ފުވައްމުލަކު ސިޓީގެ އެކި މުވައްސަސާތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުނާމީފަދަ ބޮޑެތި ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރުވުންކަމަށްވެސް ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ބުނެއެވެ. އަދި އެއްބައިވަންތަކަމުގެ ރީތި އާދަ ދިރުވައި އާލާކުރުމަކީވެސް މިފަދަ ޙަރަކާތެއް ބޭއްވުމުގެ މަޤްޞަދެއް ކަމަށް ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ބުނެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ހަނދާންތައް އާކޮށް، އެ ކާރިސާގައި ޙާލުގައި ޖެހުނު މީހުންނާއި ޢާއިލާތަކަށް އެހީތެރިވެދިނުމުގައި ދިވެހިން ދެއްކި އަޚުވަންތަކަމުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ސުނާމީ ކާރިޘާއަކީ، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި، ރެކޯރޑްކުރެވިފައިވާ އެންމެ ބޮޑު ކާރިޘާއެވެ.