ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އާދީއްތަ ދުވަހު ރެކޯޑު އަދަދަކަށް އުދުހުންތައް އޮޕަރޭޓްކޮށްފި


ޖުމުލަ 729 ފްލައިޓް އޮޕަރޭޝަނާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިއްޔެ ރެކޯޑު ޢަދަދަކަށް މަތިންދާބޯޓު އޮޕަރޭޓްކޮށްފިކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ އެމްއޭސީއެލްއިން ބުނެފިއެވެ.

އިއްޔެއަކީ 1966ވަނަ އަހަރު އެ އެއަރޕޯޓު ހުޅުވިފަހުން އެންމެ ގިނައިން އެއަރޕޯޓުގައި އުދުހުންތައް ރެކޯޑުކުރެވިފައިވާ ދުވަސްކަމަށް އެމްއޭސީއެލްއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އާދީއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި އެއަރޕޯޓުން ފުރި ފްލައިޓްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ 110 ފްލައިޓް، ޑޮމެސްޓިކް 102 ފްލައިޓްގެ އިތުރުން 517 ސީޕްލޭން އުދުހުންތައް ރެކޯޑުކޮށްފައިވެއެވެ.

މިދިޔަ އާދީއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޖުމުލަ 17723 ބައިނަލްއަޤްވާމީ ފަސިންޖަރުންނާއި 4269 ޑޮމެސްޓިކް ފަސިންޖަރުންނާއެކު ޖުމްލަ 21992 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެއެވެ. އަދި 5500 ސީޕްލޭން ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެއެވެ.

ކުރިން ވީއައިއޭގައި އެންމެ ގިނައިން ފްލައިޓް އޮޕަރޭޓްކުރި ދުވަހެއްގެ ގޮތުގައި އޮތީ މިއަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހުގެ އެއަރޕޯޓަށް 644 ފްލައިޓް އޮޕަރޭޓްކޮށްފައިވާކަމަށް އެމްއޭސީއެލްގެ އެއަރ ޓްރެފިކް ކޮންޓްރޯލް މެނޭޖްމަންޓު ސާރވިސްއިން މަޢުލޫމާތުދެއެވެ.