ވިޔަފާރި

ސަފާރީ އުޅަނދުފަހަރަށް ޚާއްސަކޮށް މާލެ ކައިރިން ފަޅެއް ތަރައްޤީކުރަނީ


ސަފާރީ އުޅަނދުފަހަރަށް ޚާއްސަކޮށް މާލެ ކައިރިން ފަޅެއް ތަރައްޤީކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑް ދިނުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، ބޯޓިންގ އިންޑަސްޓްރީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޮޑެތި ބޯޓުތަކާއި ސަފާރީތައް އަޅާނެ ފަޅެއް ނެތުމުގެ ދަތިކަން ކަމަށެވެ. އެހެންކަމުން މިކަން ހައްލުކޮށްދެއްވާ މާލެ ކައިރީގައި މިފަދަ ބޯޓުތަކަށް ޚާއްސަ ފަޅެއް ތަރައްޤީކޮށްދެއްވާނޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އިންޑަސްޓްރީ އުފެދިގެން އާއިރު ދިމާވެފައިވާ އެންމެ ދަތިކަމަކީ ފަޅެއްގެ ދަތިކަން. އޭރު ބޯޓުތައް އަޅާފައި އޮންނަން ޖެހޭނީ ގުޅީފަޅުގައި. އޭގެފަހުން ހުޅުމާލޭ ފަޅަށް ބަދަލުވި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވަނީސް ހުޅުމާލެއިން ނުކުންނަން ޖެހިއްޖެ. އޭރުއްސުރެ ލޭމްއިން މަސައްކަތް ކުރަމުންދިޔައީ ފަޅެއް ހޯދުމުގެ މަސައްކަތް. މިއަދާއި ހިސާބަށް ވެސް މި އިންޑަސްޓްރީގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި މިއޮތީ ސަފާރީ ރައްކާތެރިކޮށް އަޅާނެ ބަނދަރެއް ނެތުން" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޯޓިންގ އިންޑަސްޓްރީއަށް ދިމާވެފައިވާ ކަންކަން ހައްލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވަޢުދުފުޅެއްކަމުން މިކަން ވީހާވެސް އަވަހަށް ހައްލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުންވެސް ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށްޓަކައި މިސަރުކާރުގައި ގިނަ މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ޒަމާނީވެ، ސަފާރީތަކުގެ ސައިޒް ބޮޑުވަމުން އަންނައިރު، އެ އުޅަނދުތައް ބަނދަރުކުރުމަށް އެކަށީގެންވާ ފަޅެއް ނެތުމަކީ މިދާއިރާގައި އުޅޭ ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.