ޚަބަރު

ޗުއްޓީގައި ރަށުން ބޭރަށް ނުދެވޭ ފަރާތްތަކަށް ޚާއްޞަ ފެސްޓިވަލެއް އައްޑޫ ސިޓީގައި ބާއްވަނީ


އައްޑޫ ފްރެންޑްސް ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން 'ހިއްމަލާ ފެސްޓިވަލް 2018' ގެ ނަމުގައި އައްޑޫ ސިޓީގައި ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

މި ފެސްޓިވަލް ބާއްވަން ނިންމާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 16:00 އިން 00:00 އަށް ހިތަދޫ ބަނދަރު ސަރަހައްދުގައެވެ.

މި ފެސްޓިވަލް އިންތިޒާމްކުރާ އައްޑޫ ސިޓީ "ފްރެންޑްސް" ޖަމްޢިއްޔާއިން ބުނީ މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޗުއްޓީގައި ރަށުން ބޭރަށް ނުދެވޭ ފަރާތްތަކަށް އާއިލާއާއި އެކުވެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދީނ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.

މި ފެސްޓިވަލާބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އައްޑޫ ފްރެންޑްސް ޖަމްޢިއްޔާގެ ރައީސް ޙުސެއިން ހަބީބް ވިދާޅުވީ މި ފެސްޓިވަލްގައި ރެޑް ކްރެސްންޓުން އާއިލީ ހަވީރެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ. އަދި އެ ހަރަކާތުގައި އެމްއެންޑީއެފާއި ފުލުހުންވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގަސް އިންދުމުގެ ޕްރޮގްރާމާއި މޫދު ކުޅިވަރުތައްފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ޖޭސީއައި އައްޑޫގެ ފަރާތުން ރޭގަނޑު ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު، އައްޑޫ ފްރެންޑްސް ޖަމްޢިއްޔާއިން މަސް ރޭހެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. ރޭގަނޑު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި މަސް ރޭސް، މިޑްނައިޓް ރަން ފަދަ ހަރަކާތްތައް ހިމެނެއެވެ. އަދި ފެސްޓިވަލް ނިންމާލުމުގެ ގޮތުން ލެންޓާން އެރުމުގެ ހަރަކާތެއްވެސް ބާއްވާނެ ކަަމަށް އައްޑޫ ފްރެންޑްސް އިން ބުންޏެވެ.

އައްޑޫ ފްރެންޑްސް ޖަމްޢިއްޔާއަކީ އައްޑޫސިޓީ ރައްޔިތުންނާ ގުޅުންހުރި އެކި ޙަރަކާތްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. އެގޮތުން މީގެ ކުރިންވެސް އެޖަމްޢިއްޔާއިންވަނީ ގަސް އިންދުމުގެ ޙަރަކާތްތަކާއި، ޢީދު ފާހަގަ ކުރުމަށް އެކި ހަރަކާތްތައް އައްޑޫ ސިޓީގައި ހިންގާފައެވެ.