ވިޔަފާރި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭއާއި ޕާކިސްތާނާ ދެމެދު އޮތް އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރީ، ޕާކިސްތާނުގެ ކަރާޗީގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ މެމްބަރުންނާއެކު، ސަރުކާރުން ހިންގާ އެމްޑީޕީގެ މަޖިލިސް މެމްބަރު، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ ބޭއްވެވި މަޝްވަރާގައެވެ.

މިމަޝްވަރާގައި މެމްބަރު ބާރީ ވަނީ ޕާކިސްތާނުގެ ވިޔަފާރިންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ޕަކިސްތާނަކީ ގިނަ ބާވަތެއްގެ މުދާ އުފައްދާ ޤައުމެއްކަމުން، ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ޕާކިސްތާނުން ރާއްޖެއަށް މުދާ އިމްޕޯޓްކުރުން އިތުރުކުރެވޭނެކަމަށެވެ. އަދި ޕާކިސްތާނުން ރާއްޖެއަށް މިހާރު އާއްމުކޮށް އެތެރެކުރަނީ ހަނޑުލާއި، މޭވާ އަދި ތަރުކާރީގެ ބާވަތްތައްކަމަށާއި، ކުރިޔަށް އޮތްތަނުގައި ޓެކްސްޓައިލް، ކޮޓަން އަދި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުވެސް ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރެވިދާނެކަމަށް ބާރީ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ރައީސް ޖުމައިދު އިސްމާއިލް މަކްދާ ވިދާޅުވީ ދެޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ކުޑައީ، ދެޤައުމުގެ ދެމެދުގައި މުދާ އުފުލާ ޝިޕިންގ ލައިންތަކުގެ ދަތުރުތައް މަދުވުމުންކަމަށެވެ. އަދި ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާޒް، ސަފްޓާ އެގްރީމަންޓުގެ ބައިވެރިންނަށްވާއިރު ދެޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިވެފައި ނުވާތީ މިކަމާ މަކްދާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިބައްދަލުވުމުގައި މެމްބަރު ބާރީ ވަނީ ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު އޮޅުން ފިލުވުމަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތު އަރުވާފައެވެ.

ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގެ އަގު 7.2 މިލިއަން ޑޮލަރަށްއަރާއިރު، މިއީ ނިސްބަތުން ކުޑަ އަގެކެވެ.