ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ރަނގަޅު އެއް ހޮސްޕިޓަލަށް ވެގެންދާނެ - އެކްޓިން ސީއީއޯ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިއްޙީ ދާއިރާގެ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ރާއްޖޭގެ އެންމެ ފެންވަރު ރަނަގަޅު އެއް ހޮސްޕިޓަލަށް ހައްދަވާނެނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އެ ހޮސްޕިޓަލްގެ އެކްޓިންގް ސީއީއޯ ޑރ.މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ޤާއިމުކުރި ތިއޭޓަރ ކޮމްޕްލެކްސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑރ.މުޙައްމަދު ވަޙީދު ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހދ.އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ އެހެން އަތޮޅުތަކެއްގެ ރައްޔިތުންވެސް ޚިދުމަތް ހޯދަމުންއަންނަ މައި ހޮސްޕިޓަލްކަމަށްވާއިރު، މި ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، މާލެ ފިޔަވައި ރާއްޖޭގައި މިހާރުވެސް ހިތާއި ނާރުގެ ޑޮކްޓަރުން ޚިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލްކަން ފާހަގަކުރައްވައި ޑރ.މުޙައްމަދު ވަޙީދުވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިދާއިރާތަކުގެ ބަލިތަކުގެ ތަޙްލީލުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާ، ކުރިއަށް އޮތްތަނުގައި މިކަމާގުޅޭ ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާކަން ޑރ. މުޙައްމަދު ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ފާހަފަކޮށްލަން މި ތިއޭޓަރ ކޮމްޕްލެކްސް ފަދަ އިތުރު ގިނަ ތަރައްޤީތަކެއް ގެނައުމުގެ މަސައްކަތް މިހާރުމިދަނީ ކުރަމުން. އެގޮތުން ކުރިއަށްއޮތްތަނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސިއްޙީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އައިހީއެމްއެޗް ހޮސްޕިޓަލަކަށް ވެގެންދާނެކަމަށް އުންމީދުކުރަން."

ޑރ.މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

ކުދުއްފުށި ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގަން ކުރީގެ ސަރުކާރުން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް އާ ޙަވާލުކުރިއެވެ. ނަމަވެސް ޙިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތަކާ ހެދި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިންގުމުގެ އެއްބަސްވުން މިހާރުވަނީ ބާޠިލުކޮށްފައެވެ.
ކުދުއްފުށި ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ތިއޭޓަރ ކޮމްޕްލެކްސް މިހާރު ހުޅުއްވާފައުވާއިރު، މި ތިއޭޓަރ ކޮމްޕްލެކްސްގައި އެއްފަހަރާ ދެ އޮޕްރޭޝަން ކުރެވޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި އޮޕަރޭޝަންކުރުމުގެ ކުރިންނާއި، އޮޕަރޭޝަން ކުރުމަށްފަހު ބަލިމީހާ ބޭއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މީގެ އުތުރުން މިދިޔަ މަހު އެ ހޮސްޕިޓަލްގައިވަނީ ސީޓީ ސްކޭން މެޝިނެއް ބަހައްޓާފައެވެ. މިހާރުދަނީ އެޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.