ވިޔަފާރި

2019ވަނަ އަހަރު އެންމެބޮޑު އިސްކަމެއްދޭނީ ޑޮމެސްޓިކް މާކެޓް ފުޅާކުރުމަށް - ޗައިނާ


އަންނަ އަހަރު އެންމެބޮޑު އިސްކަމެއްދޭނީ ޑޮމެސްޓިކް މާރކެޓް ވަރުގަދަ ކުރުމަށްކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.
ޗައިނާއިން މިކަން ހާމަކޮށްފައިވަނީ، ސެންޓްރަލް އިކޮނޮމިކް ވަރކް ކޮންފަރެންސްގައެވެ.

މިއަހަރުގެ ސެންޓްރަލް އިކޮނޮމިކް ކޮންފަރެންސްގައި ޗައިނާއިން ވަނީ، މިހިނގާ އަހަރު އެޤައުމުގެ އިޤްތިޞާދީ ޙާލަތު ރިވިއުކޮށް، އަންނަ އަހަރު އިޤްތިޞާދު ވަރުގަދަ ކުރުމަށް ކުރަން ހަމަޖެހިފައިވާ ކަންކަން ކަނޑައަޅާފައެވެ.

މި ކޮންފަރެންސްގައި ޗައިނާއިން އެންމެބޮޑަށް ވާހަކަދައްކާފައިވަނީ އެޤައުމުގެ ޑޮމަސްޓިކް މާކެޓް ހަރުދަނާކުރުމަށެވެ. ޗައިނާއިން ވަނީ އެޤައުމުގެ ޑޮމަސްޓިކް މާރކެޓް ފުޅާ ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭކަން ހާމަކޮށްފައެވެ. މިގޮތުން ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާފަދަ ޚިދުމަތް ދިނުމުގެ ދާއިރާތަކުގެ އިތުރުން، އެ ޤައުމުގެ ޑޮމެސްޓިކް މާރކެޓްގައި ވިޔަފާރި ކުރާ މީހުން ގިނަކުރުމަށާއި، ވިޔަފާރި ކުރާ މާހައުލަށް އެކަށީގެންވާ ބަދަލުތަކެއް ގެނެއުމަށް އިސްކަންދޭނެ ކަމަށް ޗައިނާއިން ހާމަކުރެއެވެ.

މި ކޮންފަރެންސްގައި ނިންމި ބައެއް ކަންތައްތަކަށް ބަލާއިރު، ފެންވަރު ރަނގަޅު އުފެއްދުންތައް އިތުރު ކުރުމަށްވެސް އިސްކަންދިނުމަށް ވަނީ ނިންމާފައެވެ. އަދި ދަރަނިވެރިވުމުގެ ސަބަބުން ހުއްޓިފައި ހުރި ކުންފުނިތައް ޗައިނާގައި އިތުރު ވަމުން ދާތީވެ، އެ ކުންފުނިތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޓެކްނޮލޮޖީގެ އައު އީޖާދުތަކަށް މިހާރަށްވުރެ ބޮޑަށް ފުރުޞަތު ދިނުމާއިއެކު ވިޔަފާރީގެ އައު އިންތިޒާމީ އުސޫލްތަކަށާއި ކްލަސްޓަރ އިންޑަސްޓްރީޒްއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދަން މަސައްކަތް ކުރަން އެޤައުމުންވަނީ ނިންމާފައެވެ.

މީގެ އިތުރުން އަންނަ އަހަރު އެ ޤައުމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަން ޗައިނާއިންވަނީ ނިންމާފައިވާއިރު، އައު އުފެންދުތަކަކާއި ފިކުރީ މުދާ ހިމާޔަތް ކުރުމުގައި ސަރުކާރުން ފޯރުކޮށްދޭ އެހީ އިތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ސެންޓްރަލް އިކޮނޮމިކް ވަރކް ކޮންފަރެންސްގައި ނިންމި ބައެއް ނިންމުންތަކާއި ގުޅިގެން އިޤްތިޞާދީ މާހިރުން ވަނީ، ޗައިނާއަށް އެންމެ ފުރިހަމަ ގޮތުގައި އިޤްތިޞާދީ ކުރިއެރުން ގެނެއުމަށް ކުރަންޖެހޭ އިތުރު ކަންކަން ހުރިކަމަށް ފާހަގަކޮށްފައެވެ. މިގޮތުން އެ ޤައުމުގެ އެކަހެރި ސަރަޙައްދުތަކުގައި ކުރާ ދަނޑުވެރިކަން ކުރިއެރުވުމާއި، ވިރަފާރީގެ ދާއިރާގެ މުޢާމަލާތްތައް ހަލުވި ކަމާއިއެކު ހިންގުމަށް ފައިވް ޖީ ނެޓްވޯކްގެ ބޭނުންތެރިކަން ފުރިހަމަ ގޮތުގައި ހިފުމާއި އިންޓަރނެޓް ފުޅާ ދާއިރާއެއްގައި ބޭނުން ކުރުން ހިމެނޭ ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ސެންޓްރަލް އިކޮނޮމިކް ވާރކް ކޮންފަރެންސަކީ އެ ޤައުމުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ތެރެއިން އެ ޤައުމުގެ އިޤްތިޞާދާއި ގުޅުން ހުރި މަޝްވަރާތައް ކުރުމުގެ އިތުރުން މާލީ އަދި ބޭންކިންގް ސެކްޓަރތަކުގެ މަސައްކަތް ހުންނަން ޖެހޭ ގޮތް ކަނޑައަޅައެވެ.

ޗައިނާއަކީ ދެވަނައަށް އެންމެބޮޑު އިޤްތިޞާދެވެ. ޗައިނާގެ ނޮމިނަލް ޖީޑީޕީ ގާތްގަނޑަކަށް 13 ޓްރިލިއަން ޑޮލަށްވުރެ ބޮޑުކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.