ޚަބަރު

އިނގުރައިދޫގައި ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ހިންގަނީ


2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް އިނގުރައިދޫގައި ފާހަގަކުރުމަށް ހަމަޖެހުމާ ގުޅިގެން، އެރަށުގައި ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް ނިންމައިފިއެވެ.

އިނގުރައިދޫ ކައުންސިލާއި، ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ހިންގުމަށް ނިންމާފަިއިވާ މިކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 10 އިން ފެށިގެން 4 ދުވަހުގެ މުއްދަތަށްކަމަށް އިނގުރައިދޫ ކައުންސިލުން މައުލޫމާތުދެއެވެ. މިކަމާ ގުޅޭގޮތުން އިނގުރައިދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ކޯހުގައި ބައިވެރުވުމުގެ ފުރުޞަތު ރ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މިހާރު ހުޅުވާލާފައިވާކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގެ 15 ވަނަ ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު 2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރ. އިނގުރައިދޫގައެވެ. ދިވެހިބަހުގެ އެކެޑަމީން ބުނީ 2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށާއި، މިކަމުގެ ތައްޔާރީތައް މިހާރު ވާންފަށާފައިވާކަމަށެވެ.

ރ. އިނގުރައިދޫ އަކީ މަޝްހޫރު ޝާއިރެއްކަމަށްވާ ޔޫސުފް މުޙައްމަދުފުޅުގެ އުފަންރަށެވެ.