ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ތިއޭޓަރ ކޮމްޕްލެކްސް ނާއިބު ރައީސް ހުޅުއްވައިދެއްވައިފި


ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ހެދި ތިއޭޓަރ ކޮމްޕްލެކްސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ނައިބުރައީސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތިއޭޓަރ ކޮމްޕްލެކްސް ހުޅުއްވައިދެއްވީ އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށު ހޮސްޕިޓަލްގެ ހާލު ބައްލަވައިލެއްވުމަށްފަހުއެވެ. އަލަށް ހުޅުވި ތިއޭޓަރ ކޮމްޕްލެކްސްގައި އެއްފަހަރާ ދެ އޮޕްރޭޝަން ކުރެވޭއިރު، އޮޕަރޭޝަންކުރުމުގެ ކުރިންނާއި، އޮޕަރޭޝަން ކުރުމަށްފަހު ބަލިމީހާ ބޭއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އަލަށް ހެދި ތިއޭޓަރ ކޮމްޕްލެކްސް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެ ހޮސްޕިޓަލްގެ އެކްޓިންގ ސީއީއޯ ޑރ. މުޙައްމަދު ވަޙީދު ވިދާޅުވީ، އަލަށް ޤާއިމުކުރި މި ކޮމްޕްލެކްސްގެ ސަބަބުން ހދ. އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އެސަރަހައްދުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ލިބިގަންނަން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށްކަން ފާހަގަކުރައްވައި ޑރ. ވަޙީދު ވިދާޅުވީ، މި ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ދަށުން އެ ހޮސްޕިޓަލަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މުޅިން އަލަށް ތިއޭޓަރ ކޮމްޕްލެކްސްއެއް ހުޅުވާފައިވާއިރު، މިދިޔަ މަހު އެ ހޮސްޕިޓަލްގައިވަނީ ސީޓީ ސްކޭން މެޝިންއެއްވެސް ބަހައްޓާފައެވެ.