ވިޔަފާރި

ހަފްތާރެސްއަށް ސޮފްޓްވެއަރއެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް- މިނިސްޓަރ މަލީހް


"ހަފްތާ ރެސް"ގައި ބައިވެރިވާ ވިޔަފާރިވެރިންނަށް ޚާއްސަކޮށް ސޮފްޓްވެއަރއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީން ތަރައްޤީ ކުރަމުން އަންނަ މި ސޮފްޓްވެއަރ ތަރައްޤީ ކުރެވުމުން، ހަފްތާރެސްގައި ބައިވެރިވާން ފަސޭހަ ވެގެންދާނެ ކަމަށެވެ.

" ޔޫތު މިނިސްޓްރީގެ ހަފްތާ ބަންދުގައި ބާއްވާ ޙަފްލާގެ ވިޔަފާރީގެ ފަރާތްތަކާއި، ނޫނީ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު އެޕްލައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އޭގެ ސޮފްޓްވެއަރއެއް ނުވަތަ ސިސްޓަމެއް ޑިވެލޮޕް ކުރަމުން އަޅުގަނޑުމެން މިހާރުވެސް އެބަދަން" މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެންސީއައިޓީއަކީ ސަރުކާރުގެ "ސިކުނޑި"ކަމަށާއި ސަރުކާރުގެ ހިންގުމާއި ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ހެދިފައިހުރި ސިސްޓަމްތައް ބަލަހައްޓަމުން އަންނަނީ އެ އިންސްޓިޓިއުޓުން ކަމަށެވެ. އެހެންކަމުން ހަފްތާރެސްއަށް ސޮފްޓްވެއަރ ތަރައްޤީ ކުރުމުގެ އިތުރުންވެސް އިޖްތިމާޢީ އަދި ތިމާވެށީގެ ދާއިރާއާއި ގުޅުން ހުރި މުހިއްމު މަސައްކަތްތަކެއް އެންސީއައިޓީން ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ފްލެޓް ދިނުމުގެ އުސޫލް މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ފަސޭހައިން އެކަން ކުރުމަށްޓަކައި ހައުސިންގް މިނިސްޓަރީއަށް ހުށަހަޅާ ފޯމް މިހާރަށްވުރެ އޮޓޯމޭޓެޑް، އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހެދުމަށް އެންސީއައިޓީގެ މުވައްޒަފުން މިހާރު ކުރިއަރުވަމުން ގެންދަން. ތިމާވެއްޓާއި ބެހޭ ވުޒާރާގެ ކަންކަންވެސް އެބަ ކުރަން. އަދި އިމިގްރޭޝަންގެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ "އެކްސްޕެޓް" ނިޒާމު އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުވުމާއި ގުޅިގެން ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަ ކުރަން" މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ސަރުކާރުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހަދާފައިވާ ނިޒާމުތައް ނުވަތަ ސިސްޓަމްތަކުގެ ކޮންޓްރޯލް އޮންނަނީ އެންސީއައިޓީގެ ދަށުގައި ކަމަށެވެ. ނަމަވެސް މިވަގުތު އެންސީއައިޓީގައި މުވައްޒަފުންގެ ދަތިކަމެއް އުޅޭކަމަށާއި، މުވައްޒަފުން އިތުރު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިކަމުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ ލަފާވެސް ހޯއްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަފްތާރެސްއަށް ސޮފްޓްވެއަރއެއް ތަރައްޤީކުރަމުން އަންނައިރު، ހަފްތާރެސްއަކީ ހަފްތާ ބަންދުގައި ބޭއްވުމަށް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއިން ތައްޔާރު ވަމުން އަންނަ ބާޒާރެކެވެ. މިގޮތުން އަންނަ ހުކުރު ދުވަހު ހަފްތާރެސް ފެށުމަށް ތައްޔާރުވަމުންދާއިރު މިއީ ރައީސް އަބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.