ޚަބަރު

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން ލީޑަރުން އެއްބަސްވެއްޖެ


ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ހުރި މުހިންމު ބައެއް ބިލްތައް ފާސްކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންފިއެވެ.

މިކަން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުން ހޮޓެލް ޖެންގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއެކު ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ މަޖިލިސް މެމްބަރުން ޗުއްޓީއަކަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުން ފާސްނުވެ ހުރި މުހިންމު ބައެއް ބިލްތައް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ޖެނުއަރީ މަހުގެތެރޭގައި ބޭއްވޭތޯ ބެލުމަށް މިއަދު ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

"މެމްބަރުން މިވަގުތު އެތިއްބެވީ ޗުއްޓީގައި. ގުޅާފައި، އެބޭފުޅުންނާ މަޝްވަރާކޮށްފައި، ޕާލަމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ އެކީގައި އެ މަޝްވަރާތައް ކުރިއަށްގެންގޮސް، ޖެނުއަރީ މަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭތޯ މި މަސައްކަތްކުރަނީ،"

ރައީސް ޞާލިހް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ ރައީސް ޞާލިހްގެ ލެޖިސްލޭޓިވް އެޖެންޑާގެ ނުކުރެވި ހުރި ވަރަށް މުހިންމު ކަންތައްތަކެއް ހުރުމުން، އެކަން، ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް މިއަދުގެ މަޝްވަރާތަކުގައި އެއްބަސްވެވުނު ކަމަށއެވެ.

"ރައީސް ޞާލިހްގެ ލެޖިސްލޭޓިވް އެޖެންޑާގެ އެއްބައި ފެށިފައި، އެއްބައި ކަންތައް ކުރެވިފައި އަދި ނުކުރެވި ހުރި ވަރަށް މުހިންމު ކަންތައްތަކެއް ހުރީމާ އެކަން ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް މިއަދު މިވަނީ އެއްބަސްވެވިފައި. އޭގެ ތެރޭގައި އެ ވިދާޅުވިހެން ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމިފައި."

ރައީސް މައުމޫން ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށް ވެސް ފެންނަ ކަމަށާ ނުނިމި ހުރި މުހިންމު މަސައްކަތްތައް ބާރަށް ގެންދިއުމަށް ހުރިހާ ޕާޓީތަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

"ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަށް ވެސް އެބަފެނޭ. ޚާއްޞަގޮތެއްގައި މަރުތައް ތަހުގީގުކުރުމުގެ ކަންތައް ވަކިކޮޅެއްގައި ނުޖެހި މަޖިލިސް ޗުއްޓީއަށް ދާން ޖެހުން، އަދި ކޮރަޕްޝަންގެ ކަންތައްތައް ވެސް ތަހުޤީގު ނުކުރެވި މަޖިލިސް ޗުއްޓީއަށް ދާން ޖެހުން. ހަމައެއާއެކީގައި އަދިވެސް އެހެން ހުރި އިތުރު ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތް އެބަހުރި،"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގައި މަސައްކަތްކުރަނީ ޤާނޫނު އަސާސީއާއި ޤާނޫނާއި މަޖިލީހުގައި އޮންނަ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން މަޖިލީހުގެ އެންމެ ފަހު ދުވަހުވެސް މަޖިލިސް އިތުރަށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ޤާނޫނު އަސާސީއާއި ޤާނޫނާއި މަޖިލީހުގައި އޮންނަ ގަވާއިދާ އެއްގޮތަށް. އޭގެ ބޭރުން މަސައްކަތްކުރާކަށް އަޅުގަނޑުވެސް އަދި ރާއްޖޭގެ ރައްޔިތުން ވެސް ނުރުހޭނެ. ޑިސެމްބަރު މަހުގެ އެއްވަނަ ދުވަސް އެއީ މަޖިލިސް ގަވާއިދުގައި އޮންނަ ގޮތުން ނިމޭ ދުވަސް. އެގޮތަށް ދިޔައިރު، އެ ދުވަހު ނުނިންމީ އޭރު މައްސަލަތަކެއް ހުރީތީ،"

ޤާސިމް ވިދާޅުވިއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންނެވިއިރު، މުހިއްމު ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ޤާނޫނީ ޢަދަދަށް މެންބަރުން މަޖިލީހުގެ ޖަލްސާގައި ވަޑައިގެން ނެތުމުން، އެ ބިލްތަކަށް ވޯޓަށް ނާހައި، މަޖިލިސް ވަނީ ޗުއްޓީ އަށް ގޮސްފައެވެ.

އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުންނެވެ.
ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެމެ، ބޭނުންވާ ޢަދަދަށް މެމްބަރުން ހަމަނުވެގެން އެބިލްތަކަށް ވޯޓަށް ނޭހުނު މައްސަލައިގައި ކޯލިޝަންގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.