އިހަވަންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ އިސްނަންގަވައިގެން ކުރިއަށްގެންދަވާ މައި ކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތު ސޮސައިޓީ އިން ހޯދާފައިފި. އިހަވަންދޫގެ ދަނޑުގައި ކުޅުނު މައިކަޕްގެ ފައިނަލް މެޗު އިހަވަންދޫ ޔޫތް ސޮސައިޓީ ކާމިޔާބުކުރީ ޖަންގަލްއާއި ވާދަކޮށް ދޭއް ސުމަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު މާރަންދޫ ޔޫތު ސޮސައިޓީއަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އިޙްސާނެވެ. އަދި މާރަންދޫ ޓީމްގެ ދެވަނަ ގޯލް ދެވަނަ ހާފުގައި ޖަހައިދިނީ މުޙައްމަދު އާދަމްއެވެ.
މިމުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ޓީމް ޖަންގަލްގެ އަކުރަމް ޢަބްދުއްޣަނީއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ މާރަންދޫ ޔޫތު ސޮސައިޓީގެ ސަމްޙާން ޢަބްދުއްރަޙްމާނެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުލަބު އިރަމާގެ މޫސާ ވަޙީދެވެ.
މިމުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް މާރަންދޫ ޔޫތު ސޮސައިޓީގެ މުހައްމަދު ސާޖިދު ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ މާރަންދޫގެ އަލީ ސަމީމެވެ. އެންމެ މޮޅު ފޯވަޑަކީ ކުލަބު އިރަމާގެ ޢަބްދުއް ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ޓީމް ޖަންގަލްގެ ކީޕަރު ހުސައިން ޒަޔާނެވެ.
ހއ އަތޮޅަށް ހުޅުވާލައިގެން ބޭއްވި 12 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތަކީ މިއަތޮޅުގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. ޖުމްލަ 12 ޓީމަކުން މިއަހަރުގެ މުބާރާތުގައި ބައިވެރިވިއިރު ޗެމްޕިއަން ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.