ޚަބަރު

ނާއިބު ރައީސް ފައިޞަލް ކުޅުދުއްފުއްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހދ. ކުޅުދުއްފުށި ބަނދަރަށް ފައިބާ ވަޑައިގަތުމުން ކުޅުދުއްފުށީ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ކުޅުދުއްފުއްޓަށެވެ. މިދަތުރުފުޅުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަލް ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. ވަކިވަކިން ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުންތަކުގައި ކުޅުދުއްފުށީގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާއި، ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ނާއިބުރައީސްގެ މިދަތުރުފުޅުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ބައްލަވާލައްވައި، އެހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ތިއޭޓަރ ކޮމްޕްލެކްސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރގެ ހާލަތުވެސް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނައިބުރައީސް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ހދ. ނޮޅިވަރަމް އަދި ހދ. ހަނިމާދޫއަށް ވަޑައިގަންނަވާނެއެވެ.