ޚަބަރު

ބައިނަލްއަޤްވާމީ މެންޓަލް މެތަމެޓިކްސް މުބާރާތުގައި ދިވެހި ކުދިންތަކެއް ބައިވެރިވަނީ


އިންޑިއާގައި ބާއްވާ ބައިނަލްއަޤްވާމީ މެންޓަލް މެތަމެޓިކްސް މުބާރާތެއްގައި ބައިވެރިވުމަށް ރާއްޖޭގެ 21 ކުއްޖަކު އިންޑިއާއަށް ފުރައިފިއެވެ.

މި މުބާރާތަކީ އިންޑިއާގެ މެންޓަލް މެތަމެޓިކްސްގައި މަޝްހޫރު ކުންފުންޏެއްކަމަށްވާ ސްމާޓްކިޑް އެބަކަސް ލާރނިން ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އިންޓަނޭޝަނަލް އެބަކަސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ޕޫނޭގައެވެ.

މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެހާހަށްވުރެ ގިނަ ކުދިން ވާދަކުރާނެއެވެ.

"މި މުބާރާތުގެ ސަބަބުން ދިވެހި ދަރިވަރުންގެ ކުޅަދާނަކަން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ. އޭގެ ސަބަބުން އެ ކުދިންގެ ސެލްފްކޮންފިޑެންސް އިތުރުވެ އެކި އެކި ފަންނުތަކުގައި ކުރިއަށްދިއުމުގެ ރޫހު އާވާނެ. އަދި ޓީމެއް ގޮތަށް އެކީގައި މަސައްކަތްކޮށްލުމަކީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ" ސްކިލް ހެޓްސްގެ މާކެޓިން މެނޭޖަރ ޢަބްދުލް ޖަލީލު ވިދާޅުވިއެވެ.

މިޕްރޮގްރާމްގެ ސަބަބުން ކުއްޖާގެ ލިޔުމުގެ ސްޕީޑައި، ކަންކަން އަވަހަށް ދެނެގަތުމުގެ ބާރު އިތުރުކޮށްދެއެވެ. އަދި ހިސާބު އިލްމުގެ ނަޒަރިއްޔާތުތައް މަސައްކަތްކުރަނީ ކިހިނެއްކަން ކުދިންނަށް މި ޕްރޮގްރާމްގައި ދަސްކޮށްދެވޭނެއެވެ.