ޚަބަރު

އެމްޑީޕީގެ ޕްރައިމަރީއަށް 280 މީހަކު ފޯމު ހުށަހަޅައިފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށް 280 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި ޑިސެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ. އިއްޔެއާ ހަމައަށްވަނީ އެމުއްދަތު ހަމަވެފައެވެ.

އެޕަޓީން ހާމަކުރާގޮތުގައި ފ.ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ހުށަހަޅާފައިވެއެވެ. ފ.ނިލަންދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް އެއްވެސް ކެނޑިޑެޓަކު ކުރިމަތިލާފައެއް ނުވެއެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ މީހުންގެތެރޭގައި 259 ފިރިހެން ކެނޑިޑޭޓުންނާއި 21 އަންހެން ކެނޑިޑޭޓުން ހިމެނެއެވެ. އެންމެ ގިނަ މީހުން ފޯމު ހުށަހަޅާފައިވަނީ ވިލިމާލެ ދާއިރާއަށެވެ. އެއީ 9 މީހުންނެވެ.

މީގެ އިތުރުން 9 ދާއިރެއްގެ ތެރެއިން ކޮންމެ ދާއިރާއަކަށް ކުރިމަތިލާފައިވަނީ އެންމެ ކެނޑިޑޭޓެއްކަމަށްވާތީ އެދާއިރާތަކުގައި ޕްރައިމަރީ ނުބާއްވަން އެމްޑީޕީން ވަނީ ނިންމާފައެވެ.
ޕްރައިމަރީ ނުބާއްވާ ދާއިރާތަކަކީ ހއ.ހޯރަފުށީ ދާއިރާއާއި ހއ.ބާރަށު ދާއިރާއާއި ހއ.ދިއްދޫ ދާއިރާއައި ށ.މިލަންދޫ ދާއިރާއާއި ރ.އަލިފުށީ ދާއިރާއާއި އދ.މަހިބަދޫ ދާއިރާއާއި ޏ.ފުވައްމުލަކު އުތުރު ދާއިރާއާއި ގަލޮޅު އުތުރު ދާއިރާއާއި މާފަންނު އުތުރު ދާއިރާއެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމުލަ 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރަން ޖެހެއެވެ. އަލަށް އުފައްދާ ދެދާއިރާއެއް މިފަހަރުގެ އިންތިޚާބުގައި ހިމެނެއެވެ. އެއީ މައްޗަންގޮޅީ މެދު ދާއިރާއައި ހެންވޭރު ހުޅަނގު ދާއިރާއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ކަނޑައަޅާފައިވަނީ އަންނަ އޭޕްރީލްމަހުގެ 6ވަނަ ދުވަހުއެވެ.