ޚަބަރު

ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ


ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ ދަށުން ދިރާސީ އާއަހަރު ފެށޭއިރު 25 ސްކޫލްގައި މި ޕްރޮޖެކްޓް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމް އަންނަ ދިރާސީ އާއަހަރާއެކު ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު މި ޕްރޮގްރާމްގެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 25 ސްކޫލްގައެވެ. އެއީ ކޮންމެ އަތޮޅަކުން އެއް ސްކޫލާއި މާލެއިން 3 ސްކޫލާއި ހުޅުމާލެއިން އެއް ސްކޫލަކާއި ވިލިމާލެއިން އެއް ސްކޫލްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ، މި ޕްރޮގްރާމް އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި، ހަވާލުކުރާ ފަރާތްތައް ހޮވާނީ އެ ސްކޫލެއް ހިމެނޭ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ މި ޕްރޮގްރާމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށިނަމަވެސް އަމާޒަކީ، މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަވަސް މުސްތަޤުބަލެއްގައި ފެށުން ކަމަށެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ހިންގާ މިޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގައި ނާސްތާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭއާއި ޔުނިސެފްގެ ޚާއްސަ ޓެކްނިކަލް ޓީމަކުން އެކުލަވާލި މެނޫތަކެއްގައި ހިމެނޭ ކަނާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެމުން ޔުނިސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޢައިޝަތު ޝަހުލާ އަޙްމަދު ވިދާޅުވީ ދަރިވަރުންނަށް ޚާއްސަ މެނޫތައް އެކުލަވާލީ، ހެނދުނުގެ ނާސްތާއަށް އެންމެ ރަނގަޅު ބާވަތްތައް ދެނެގަތުމަށް މީގެ 2 އަހަރު ކުރިން އެއްކޮށްފައިވާ މަޢުލޫމާތުތަކަކަށް ރިއާޔަތްކުރުމަށްފަހުކަމަށެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ހިންގާ ޕައިލެޓް ޕްރޮގްރާމްގެ ދަށުން ހެނދުނުގެ ނާސްތާ ދޭ ސްކޫލްތައްކަށް ދިމާވާ ގޮންޖެހުންތައް ބަލާ ދެނެގަނެ އެކަންކަން ޙައްލުކޮށް ހުރިހާ ސްކޫލަށް މިޕްރޮގްރާމް ކުރިއަށް އޮތް 5 އަހަރުތެރޭގައި ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިޕްރޮޖެކްޓް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނާފައެވެ.