ޚަބަރު

"ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިޔުކޭޝަން"ގެ ނަން ބަދަލުކޮށްފި


"ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިޔުކޭޝަން" ގެ ނަން "ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން" ގެ ނަމަށް ބަދަލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުން ހިންގަމުންއައި މި ޑިޕާޓްމަންޓުގެ ނަމަށް، ބަދަލުކޮށް އެ އިދާރާގެ ބައެއް މަސައްކަތްތަކަށްވެސް ބަދަލުގެނެސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނިީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ޤައުމީ މަންހަޖާ އެއްގޮތަށް ހުރިހައި ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމުތައް ފަރުމާކޮށް، ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުޞަތުތައް ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ ވަސީލަތްތައް ޤާއިމުކުރުން ހިމެނޭކަމަށެވެ.

މީގެ އިތުރުން "އަރލީ އިންކްލޫޝަން" އަދި "އަރލީ އިންޓަވެންޝަން" ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ ރެފަރަލް ނިޒާމެއް ޤާއިމުކުރުމާއި ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުމަކީވެސް މި ޑިޕާޓްމަންޓުގެ ޒިންމާއެއްކަމަށް ރައިސް އޮފީހުން ބުނެއެވެ.

އިންކުލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިނގާގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދީ، އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީންކުރުމާއި، އެ ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުމަކީވެއް އެ ޑިޕާޓްމަންޓުގެ ޒިންމާއެކެވެ.

މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކޮށް، ޝާމިލުކުރުމުގެ ޘަޤާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދީ، އިންކްލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީވެސް އެ އިދާރާގެ މަސައްކަތްތަކުތެރޭގައި ހިމެނޭ ކަމެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ ދަށަށް ބަދަލުކުރައްވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއެވެ. ކުރިން މި ތަންތަން ހިންގަމުން އައީ މިނިސްޓްރީއޮފް އެޑިއުކޭޝަންގެ ދަށުންނެވެ.