މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ލިސްޓެއް މިމަހުގެ ހަތާވީސް ވަނަދުވަހު ޢިއުލާންކުރައްވައި ތިން މަސްދުވަހުގެ ތެރޭގައި މައްސަލަތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަކީ ރައީސް އިބަރާހީމް މުހައްމަދު ޞާލިހު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އުފައްދާފައިވާ ކޮމިޝަނެކެވެ.
މިކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ލިސްޓެއް ހާމަކުރައްވައި ތިން މަސް ދުވަހުގެތެރޭގައި ހުރިހާ މައްސަލައެއް ބަލައި ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ކޮމިޝަނުން ހާމަކުރައްވާފައިވަނީ ކޮމިޝަނުން ކުރެއްވި ޓުވީޓެއްގައެވެ.
މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭގި ގެއްލުވާލާފައިވާ މިހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ގޮތުން އުފެއްދި މިކޮމިޝަނުން ބަލާނެ އެންމެ މުހިންމު މައްސަލަތަކުގެ ތެރޭގައި އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާހަރަކޮށްލި މައްސަލައާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދް ރިލްވާނުގެ މައްސަލައާއި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލަ ހިމެނެއެވެ.
މިމައްސަލަތައް ތަޙުގީގުކުރައްވައި އެކަމުގެ މަޢުލޫމާތު މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާމަ ކުރައްވަނާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވައުދުވެ ވަޑައިގެންފައެވެ.