ޚަބަރު

"އޭޝިއަން ރޯވިންގް ފޯ އޯލް" ކޮމިޓީގެ ގޮނޑިއެއް ރާއްޖެއަށް ލިބިއްޖެ


އޭޝިއަން ރޯވިން ފެޑެރާޝަން ކޮންގްރެސްގައި، "އޭޝިއަން ޜޯވިންގް ފޯ އޯލް" ކޮމިޓީގެ ގޮނޑިއެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި މަހުގެ ކުރީކޮޅުގައި ޗައިނާގެ ބެއިޖިންގް ގައި ބޭއްވުނު އޭއާރުއެފްގެ ކޮންގްރެސްގައި "އޭޝިއަން ޜޯވިންގް ފޯ އޯލް" ކޮމިޓީގެ ގޮނޑިއެއް ލިބުނީ ކޮންގްރެސް އަށް ހާޒިރުވި 36 ޤައުމުގެ އިއްތިފާޤުންނެވެ. "އޭޝިއަން ޜޯވިންގް ފޯ އޯލް" ކޮމިޓީގައި ރާއްޖެއިން ތަމްސީލު ކުރައްވަނީ ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް، އަހުމަދު ހަބީބެވެ.

ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް، އަހުމަދު ހަބީބު ވިދާޅުވީ، ރާއްޖެ އެ ކޮމިޓީގެ މެމްބަރަކަށް ވުމުން، ރާއްޖޭގެ ރޯވިންގްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި، އޭޝިޔާ ރޯވިންގްގައި ބަސް ބުނުމުގެ ފަހި ފުރުސަތެއް ރާއްޖެއަށް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގައި ރޯވިން ތަރައްޤީ ކުރުމަށް ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދަނީ އެކިއެކި މަސައްކަތް ކުރަމުންކަމަށާއި، މިއީ އެކަމަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.