ޚަބަރު

އަމީރްއަޙްމަދުމަގު ދުއްވަން ހުޅުވާލާނީ ހުޅަނގުން އިރަށް


އަމީރު އަޙްމަދު މަގުން އިސްލާމީ މަރުކަޒު ސަރަހައްދުގައި މަރބަލް ޖަހާފައިވާ ސަރަޙައްދު އަލުން ޢާއްމު ދަތުރުތަަކަށް ހުޅުވާލުމުން އެމަގުން، ހުޅަގުން އިރަށް ދުއްވޭގޮތަށް ގެނައި ބަދަލު ފިޔަވައި އިތުރު ބަދަލެއް އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ސަރަޙައްދުގެ ގިނަ މަގުތަކެއްގެ ޓްރެފިކަށް ބަދަލު ގެނެސްފައިވާކަމަށްބުނެ ބައެއް މީޑިއާތަކުން އާއްމުކޮށްފައިވާ ޗާޓަކީ ސައްޙަ ޗާޓެއް ނޫންކަމަށެވެ. އެގޮތުން ލިލީ މަގު އެއްކޮޅަށް ދުއްވޭ މަގެއްގޮތަށް ބަދަލުގެނައުމާއި، ޝަހީދު ކުޑަ އާދަމު ކުޑަ ތުއްތު މަގުން ގޮސް މެދު ޒިޔާރަތް މަގަށް ނުކުމެވޭ ގޮތަށް ބަދަލު ގެނެސްފައި ނުވާކަމަށްވެސް ޓްރެފިކް ފުލުހުން ބުނެއެވެ.

އެ ސަރަޙައްދުގެ މަގުތަކަށް ގެންނަ ބަދަލުތަކުގެތެރޭގައި ހިމެނެނީ އިސްލާމީމަރުކަޒާއި، ޖުމްހޫރީ މައިދާނާ ދެމެދު މަރބަލް ޖަހާފައިވާ ސަރަަޙައްދު އަލުން އުޅަނދުތައް ދުއްވޭ ގޮތަށް ބަދަލު ގެނައުމެވެ. މި މަސައްކަތް އެއް ހަފްތާކެ ތެރޭގައި ނިންމައި ޢާއްމު ދަތުރުތަކަށް މަގު ހުޅުވާލާނެކަމަށް ސަރުކާރުން ކުރިން ވިދާޅުވި ނަމަވެސް މިހާރު ވަނީ މަސައްކަތް ނުނިމި 2 ހަފްތާވެފައެވެ. ޓްރާސްޕޯޓް މިނިސްޓްރީއިން ބުނެފައިނީ، މަގު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. މަގު އާއްމު ދަތުރުތަކަށް ހުޅުވާލުމަށް ލަސްވަނީ ބައެއް މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ހުރުމުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިންވަނީ ބުނެފައެވެ. ނަމަވެސް މަގު ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، މަގު ޢާއްމު ދަތުރުތަކަށް ހުޅުވާލާނެ ވަކި ތާރީޚެއް އަދި ނިންމާފައި ނުވާކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ.

ސަރުކާރުންދަނީ ޢާއްމުނަށް ދަތިވާގޮތަށް މަގުތަކުގައި ހުރި އެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް މަގުތައް އުޅަނދުތައް ދުއްވޭގޮތަށް ބަދަލުގެނައުމާއި، ޕާކިން މައްސަލަ ޙައްލުކުރުމާއި، މަގުމަތީގައި ގިނަދުވަސްވީ އުޅަނދުތައް ނެގުންފަދަ މަސައްކަތްތައް ކުރުން ހިމެނެއެވެ.