ރާއްޖޭގެ ރޯވިން ކުރިއެރުވުމަށް އެކްޓިންގް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ރޯވިންގް އެސޯސިއޭޝަނުގެ ރައީސް، އަހުމަދު ހަބީބް މަޝްވަރާ ކުރައްވައިފިއެވެ.
ރޯވިންގް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި، ޕޮލިސް ކޮމިޝަނާއި މައިގަނޑު ތިން ކަމަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. މިގޮތުން، މޯލްޑިވްސް ޕޮލިސް ސާރވިސާއި ރޯވިން އެސޯސިއޭޝަނާއި ގުޅިގެން، އަންނަ އަހަރު ރާާއްޖޭގެ ރޯވިންގް ހަރުދަނާ ކުރުމާއި ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
މީގެ އިތުރަށް، އަންނަ އަހަރު އޭޝިއަން ރޯވިންގް ކޯސްޓަލް ޗެމްޕިއަންޝިޕް (އޭއާރްސީސީ 2018) ގައި މޯލްޑިވްސް ރޯވިންގް އެސޯސިއޭޝަނުން ބައިވެރިވާން ޝައުޤުވެރިވާތީ، މިކަމަށް ހުރިހާ އިދާރާތަކުގެ އެހީތެރިކަން ބެނުން ވާތީ، ފުލުހުންގެ އެހީތެރިކަމަށްވެސް އެދިފައިވާނޭކަމަށް ރޯވިންގް އެސޯސިއޭޝަނުގެ ރައީސް މައުލޫމާތު ދެއްވިއެވެ.
މިއާއެކު، ޕޮލިސް ކްލަބް އަންހެން އަދި ފިރިހެން ޓީމް އުފައްދައި، ފުލުހުންގެ މެދުގައި ރޯވިންގް ހަރަކާތްތައް އިތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ރޯވިންގް އެސޯސިއޭޝަން ގުޅިގެން ވަނީ މީގެ ކުރިންވެސް ރޯވިންގެ ތަފާތު އެކި އެކި ހަރަކާތްތައް ބާއްވާފައެވެ.