ޚަބަރު

އަލަށް ރަޖިސްޓްރީ ކުރި ދެ ޕާޓީގެ ފުރަތަމަ ޖަލްސާ ބާއްވަން ހުއްދަދީފި


އަލަށް ރަޖިސްޓްރީ ކުރި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އެމްއެލްއެސްޑީޕީ އާއި، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އެމްޓީޑީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

މީގެ ތެރެއިން އެމްއެލްއެސްޑީޕީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހޯދުމަށްފަހު، އެ ފޯމްތައް އިލެކްޝަނަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހުއެވެ. އެމްއެލްއެސްޑީޕީ އަކީ ގާނޫނީ ވަކީލު އަލްއުސްތާޛު ޢަބްދުﷲ ޙަސީނުގެ އިސްކޮށް ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.

އެމްޓީޑީ އުފައްދަން ބޭނުންވާ ތިންޙާސް މީހުންގެ ސޮއި ހޯދުމަށްފަހު، މި މަހުގެ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ އޮނަތިރީސް ވަނަ ދުވަހުއެވެ. މިއީ ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނައިބު ރައީސް އިސްމާޢީލް އާސިފް އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރެއްވި ޕާޓީއަކަށްވީއިރު، މި ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.

އަލަށް ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދާފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ތިންހާސް މެންބަރުންގެ ސޮޔާއެކު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ މެންބަރުންގެ ތެރެއިން ތިންސަތޭކަ މެންބަރުން ބައިވެރިކޮށްގެން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބާއްވަން ޖެހެއެވެ.

އަލަށް ރަޖިސްޓްރީ ކުރި ދެ ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފައިވާއިރު، ދެ ޕާޓީގެ ބައްދަލުވުންތައް ބާއްވާނެ ސީދާ ދުވަހެއް އެއްވެސް ޕާޓީއަކުން އިޢުލާން ކޮށްފައެއް ނުވެއެވެ. އަދި ޕާޓީތަކަށް މެމްބަރުން ވެއްދުމަށް ފުރާ ފޯމްތައް ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވާއިރު، ޕީޕީއެމްގެ އިސްވެރިން އިސްކޮށް ތިއްބަވައިގެންވެސް ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިދިޔަ 2017ވަނަ އަހަރު ނިމުނުއިރު ޕާޓީތަކުގެ ރަޖިސްޓްރީގައި ނުވަދިހަ ހަހާސް ތިން ސަތޭކަ އަށްޑިހަ ހަ މެމްބަރުން ތިއްބެވެ. އެއީ ޕީޕީއެމްގެ ދަފްތަރުގައި ހިމެނޭ ސާޅީސް ފަސް ހާސް އަށް ސަތޭކަ ފަސްދޮޅަސް ފަސް މެމްބަރުންނާއި، އެމްޑީޕީގެ އޮނަތިރީސް ހާސް ހަސަތޭކަ ފަންސާސް ނުވަ މެމްބަރުންނާއި، ޖޭޕީގެ ދިހަ ހާސް ދުއިސައްތަ ފަންސަވީސް މެމްބަރުންގެ އިތުރުން އެމްޑީއޭގެ ދަފްތަރުގައި ހިމެނޭ ދިހަ ހާސް ފަސް ސަތޭކަ ތިރީސް ހަތް މެމްބަރުންނެވެ.