ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި މި ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ މުހިންމު 4 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ވިސާގެ މައްސަލަތަކުގައި ލުއި ދިނުމާ ގުޅޭ އެއްބަސްވުމަކާއި، ސަޤާފީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަކާއި، ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ގުޅުންބަދަހި ކުރުމުގެ އެއްބަސްވުމެއްގެ އިތުރުން އައިސީޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައިވަނީ ސޮއި ކޮށްފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތިއްބެވީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދްގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބަވަންގައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އިންޑިޔާގެ ބޮޑުވަޒީރާއި، ރައީސާއި، ނާއިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.