ވިޔަފާރި

"މޯލްޑިވްސް ބިޒްނަސް އެވޯޑްސް" އަންނަ ހޮނިހިރު ދުވަހުގެރޭ


ރާއްޖޭގައި އިޤްތިޞާދީ ދާއިރާގައި ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް ދޭ އެވޯޑް، "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" އަންނަ ހޮނިހިރު ދުވަހު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ.

މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރު ދިނުންކަމަށް ބްލޭޒަން އިންކްއިން މައުލޫމާތުދެއެވެ.

ބިޒްނަސް އެވޯޑްގެ ގާލާ ނައިޓުގައި ދުއިސައްތަ ފަންސާހެއްހާ މީހުން ބައިވެރިވާނެކަމަށް ބްލޭޒަންއިން މައުލޫމާތުދެއެވެ.

ތަފާތު 3 ކެޓަގަރީއަކުން ބިޒްނަސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެންޓަޕްރައިސް އެކްސެލެންސް އެވޯޑާއި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑަސްޓްރީ އެކްސެލެންސް އެވޯޑެވެ.

އެންޓަޕްރައިސް އެކްސެލެންސް އަދި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްއާއި ލިބުނު ވޯޓަށް ބެލުމަށްފަހުއެވެ. އަދި އިންޑަސްޓްރީ އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްގެ އިތުރުން ޕްރެޒެންޓޭޝަންއާއި، އިންޓަވިއުއަށް ބެލުމަށްފަހުއެވެ.

ރާއްޖޭގައި ދެވޭ ފުރަތަމަ ބިޒްނަސް އެވޯޑްސްގައި 20 އެވޯޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.