ވިޔަފާރި

ސައިންސް ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ފަށައިފި


ޓެކް ކައުންސިލެއްގެ އިތުރުން ސައިންސް ކައުންސިލެއްވެސް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، ސައިންސް ކައުންސިލުން ރާއްޖެއާ ގުޅުން ހުރި މުހިއްމު އެކި ރޮނގުން ދިރާސާތައް ތައްޔާރު ކުރާނެކަމަށެވެ. މި ދިރާސާތަކުގެ އަލީގައި ހޯދާ ހޯދުންތައް ޤައުމު ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރ މަލީހް ވިދާޅުވިއެވެ.

"ރާއްޖެއަށް ބޭނުންވާ ވަކި މިނިސްޓްރީ ތަކަކާއި ގުޅުން ހުރި ދިރާސާތަކެއް އެބަ ކުރެވޭ. އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވޭ މިނިސްޓްރީ އޮފް ފިޝަރީޒްއިން ކުރިއަށް ގެންދާ މެރީން ރިސާރޗް ސެންޓަރ. އެއީވެސް އަޅުގަނޑުމެންނާއި ގުޅިގެން އެކި އެކި ދިރާސާތައް ކުރާ ދޮރޯއްޓަކަށް ވެގެންދާނެ. ޓެކްނޮލޮޖީއާއި ސައިންސާއި މިއީ ވަރަށް ބޮޑަށް ގުޅި ލާމެހިގެން ކުރާ ކަންކަން. ނަމަވެސް ދިރާސީ ނަޒަރަކުން ބަލަންޏާ (ސައިންސް ގެ ދާއިރާގައި) ކުރެވޭނެ ތަފާތު ކަންކަން އެބަހުރި" މިނިސްޓަރ މަލީހް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ސައިންސް ކައުންސިލުގެ މަސައްކަތާއެކު، އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

"ވިޔަފާރި ނަޒަރަކުން ބަލާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް އޮބްޒަވޭޓަރީތަކެއް މެދުވެރި ކޮށްގެން ޓޫރިސްޓުން އިތުރު ކުރުމުގެ ފުރުޞަތުވެސް އެބައޮތް ހުޅުވާލެވެން. މިސާލަކަށް މަޝްހޫރު ސައިންޓިސްޓުން.. ރާއްޖެ މި އޮންނަ ތަނުގެ ސަބަބުން ވަރަށް ބޮޑެތި އެޑްވާންޓޭޖްތަކެއް އެބަ ހުރި. މިސާލަކަށް ލައިޓް ޕޮލިއުޝަނުން (ރާއްޖެ ވަނީ) ވަރަށް ބޮޑަށް ދުރުވެފައި. ރާއްޖެއަށް މިލިބޭ ވިޒިބިލިޓީގެ ވާހަކަ ދައްކަން އެބަޖެހޭ. ދުރަށް ވިސްނާ ކަމަށް ވަންޏާ އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވާ ރޮކެޓުތައް ރާއްޖޭގައި ހެދުމުގެ ޕޮލޮބިލިޓީއެއް އޮތްތޯ.. އެއީވެސް ވަރަށް ބޮޑު އިޤްތިޞާދީ ނަފާއެއް ލިބިގެންދާނެ ކަމެއް. މިކަން (މި ދިރާސާތައް) ވެގެންދާނީ ރާއްޖޭގެ އިކޮނޮމީ ޑައިވަރސިފައި ކުރުމަށްޓަކައިވެސް އެޅޭ ބޮޑު ބާރަކަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސައިންސް ކައުންސިލަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަން މިނިސްޓްރީން ހޯއްދަވާނެކަމަށެވެ. އަދި ސައިންސްގެ ދާއިރާ ކުރިއެރުވުމަށް ސައިންސް ފައުންޑޭޝަނެއް ހެދުމުގެ އިތުރުން މި ދާއިރާ ހަރުދަނާ ކުރުމަށް މިކަމާއި ގުޅޭ ޤާނޫނުތައްވެސް އެކުލަވާލައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޓެކް ކައުންސިލާއި ސައިންސް ކައުންސިލަށް ދިހަ ވަރަކަށް މެންބަރުން އެކި ދާއިރާއިން ހޮވާލާނެކަމަށާއި، ރާއްޖޭގެ ހުނަރުވެރި ޢިލްމީ ބޭފުޅުންވެސް މި ކައުންސިލްތަކާއި އެކު މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ޕްރޮފެސަރ އުޤެއިލާއި މެންޗެސްޓަރ ސިޓީގައި މަސައްކަތް ކުރައްވާ ޑރ. ޝާފިއު، އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ޑރ. ޢަބްދުﷲ ޝަރީފްފަދަ ބޭފުޅުން ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.