މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓްތައް މިހާތަނަށް ބެލިބެލުމުން ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓްތައް އިންސްޕެކްޓް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މާލެސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ބައެއް އިމާރާތްތަކުގައި ބޭނުންކުރާ ސޭފްޓީ ނެޓު ހަލާކުވެފައި ހުރުމާއި އެކަށީގެންވާ ގޮތެއްގައި ނެޓު ނުޖަހާ ހުންނަކަން ފާހަގަވެފައިވާކަމަށެވެ. އަދި ކުރިން ހައުސިންގ މިނިސްޓްރީން ދޫކޮށްފައިވާ ސޭފްޓީ ބޯޑުތައް ބައެއް ސައިތްތަކުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާއިރު، ސަރުކާރުން ހައުސިން މިނިސްޓްރީގެ ދަށުން ކުރަމުންއައި ބައެއް ކަންކަން މާލެސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެން މިފަދަ ހުއްދަތައް މިހާރު ދޫކުރަމުންދަނީ ސިޓީ ކައުންސިލުންކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި ބައެއް ސައިޓުތަކުގައި މަސައްކަތް ނިމުމަށްފަހުވެސް ކުންޏާއި އެނޫންވެސް ތަކެތި އެތަންތަނުން ނުނަގާ ހުރިކަންވެސް ސިފާ ވަނީ ފާހަގަކުރައްވާފައެވެ.
މާލެ ސިޓީގައި ޢިމާރާތްކުރަމުންދާ ސައިޓުތަކުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ކުރަމުންދާ އިންސްޕެކްޝަންތަކުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސައިޓުތައް ބެލުމަށް 23 ޓީމެއް ޙަރަކާތްތެރިވަމުންދާކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން މިހާތަނަށް 161 ތަނެއް އިންސްޕެކްޓް ކޮށްފައިވާކަމަށް ސިފާ ވިދާޅުވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ، އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ސައިޓްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނުނަމަވެސް، ވަގުތުން މަސައްކަތް ހުއްޓާލަންޖެހޭ ސައިޓެއް ހުރިކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.
މާލޭގައި ހަދަމުންދިޔަ ޢިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވެފައިވާއިރު މިހާދިސާއާ ގުޅިގެން މާލޭގައި ޢިމާރާތްކުރާ ސައިޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައިސުލްޖުމްހޫރިއްޔާވަނީ މުއައްސަސާތަކަށް އަންގަވާފައެވެ. އެގޮތުން މިކަމަށްޓަކާ ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާ ކަމާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ބޭފުޅުން ހިމެނޭހެން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ސައިޓުތައް ދަނީ ބަލަމުންނެވެ.