ޚަބަރު

އައްޑޫ ސިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ގޮންޖެހުންތަކެއް އެބަހުރި- އެންވާރަމެންޓް މިނިސްޓަރ


އައްޑޫ ސިޓީއަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެމުންދާގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑުކަމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި 1 މެގަވޮޓުގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ޖަޕާންގެ ކުންފުންޏަކާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދަނީ އެކި ސައިޒުތަކުގެ ޖެނެރޭޓަރ ބޭނުންކޮށްގެން ކަމަށާއި މިއީ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުރަސްތަކެއް މެދުވެރިވާކަމެއްކަމަށެވެ. ނަމަވެސް މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވޭ ބެޓަރީ ސިސްޓަމާއެކު މިކަމަށް އެކަށިގެންވާ ހައްލެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕީކް ލޯޑް 5.8 މެގަވޮޓަށް އަރާއިރު، މި ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކި ސައިޒުގެ 14 ޑީސަލް ޖަނެރޭޓަރާއި 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރެވި ބޭނުންކުރަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި 1 މެގަވޮޓުގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީ އާއި އެނަރޖީ މެނޭޖްމަންޓްގެ ދާއިރާއިން އައްޑޫ ސިޓީގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަގީ 4،075،016 (ހަތަރު މިލިއަން ހަތްދިހަ ފަސްސާސް ސޯޅަ) ރުފިޔާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައިވާގޮތުން މި މަސައްކަތް ކުރިއަށްއޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.