ތަޢުލީމު

ތައުލީމީ ދާއިރާގެ މުސާރަތައް އަލުން މުރާޖާ ކުރަނީ


ސަރުކާރުގެ ތައުލީމީ  މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ލެކްޗަރަރއިން ހިމެނޭ ގޮތަށް، ތައުލީމީ ދާއިރާގެ ފަންނީ ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.އެ މިނިސްޓްރީން މިހާތަނަށް ވަނީ ޓިޗަރުންގެ މުސާރައިގެ އޮނިގަނޑު އާންމުކޮށް، އެ އޮނިގަނޑާއި އެއްގޮތަށް މި މަހުން ފެށިގެން މުސާރަތައް ދިނުމަށް ނިންމާފައެވެ.ލެކްޗަރަރއިންގެ މުސާރަ ލަސްވަމުންދާކަމަށް ބުނެ، ކުއްލިއްޔާގެ ބައެއް ލެކްޗަރަރއިން މިއަދު އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ބައްދަލްކޮށްފައިވެއެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ އަބްދުލް މުހްސިން ވިދާޅުވީ، ލެކްޗަރަރއިންނާއި، އެ ފެންވަރުގެ އެހެން ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ އޮނިގަނޑުތައް ނިންމުނުހާ އަވަހަކަށް އާންމު ކުރައްވާނެ ކަމަށެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލިއްޔާގެ ލެކްޗަރަރއިން އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލްކުރައްވާފައިވަނީ ކުރީގެ ކޮލެޖް އޮފް ހަޔަރ އޭޑިއުކޭޝަން،  ޔުނިވަސިޓީއަކަށް ބަދަލުވުމާއި ގުޅިގެން، އެތަނުގެ ލެކްޗަރަރއިންގެ މުސާރަތައް ބޮޑުކޮށްފައިވީ ނަމަވެސް،  ކުއްލިއްޔާގެ ލެކްޗަރަރއިންގެ މުސާރަތަކަށް އެފަދަ ބަދަލެއް ގެނެސްފައިނުވާތީއެވެ.ސަރުކާރުން މިހާރު ދަނީ ކުއްލިއްޔާ އިސްލާމިކް މިނިސްޓްރީއަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.