ޚަބަރު

އެމްއެމްއައިގެ 2019 ވަނަ އަހަރުގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި


ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް މީހުން ތަމްރީނު ކުރުމަށް 2019 ވަނަ އަހަރު ހިންގާ ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވަލްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

2019 ވަނަ އަހަރު އެމްއެމްއައިގައި ކުރިއަށްގެންދާ 7 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އޭގެތެރޭގައި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ 2 ކޯހެއްވެސް ހިމެނޭކެމަށް އެމްއެމްއައިއިން މައުލޫމާތުދެއެވެ. އެއީ އެޑްވާންސް ސެޓިފިކެޓް އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން ކޯހާއި، ޑިޕްލޮމާ އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން ކޯހެވެ. މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއަކީ ކްރިއޭޓިވް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީއެވެ.

މީގެ އިތުރުން އަންނަ އަހަރު އެމްއެމްއައިއިން ހިންގާ ކޯސްތަކަކީ ސެޓްފިކެޓް ވަން އިން ޓެލެވިޜަން ޕްރެސެންޓިންގ އެންޑް ނިއުސް ރީޑިންގް ކޯހާއި، ސެޓްފިކެޓް ތްރީ އިން ބްރޯޑްކާސްޓް މެނޭޖްމަންޓް ކޯހާއި، ސެޓްފިކެޓް ވަން އިން ޓީވީ ޕްރޮޑަކްޝަން ކޯހާއި، ސެޓްފިކެޓް ތްރީ އިން ޖަރނަލިޒަމް ކޯހެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކަކީ 1 މަހާ 1 އަހަރާ ދެމެދުގެ ދިގުމިނުގެ ކޯސްތަށްކަމަށް އެމްއެމްއައިއިން މަޢުލޫމާތުދެއެވެ. އެމްއެމްއައިއިން ހިންގާ ހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކުރާ ކޯސްތަކެކެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަހަރުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެމްއެމްއައިއިން މައުލޫމާތުދެއެވެ. މީގެއިތުރުން 4 މަސްދުވަހަށް ކުރިއަށްގެންދާ ޔުނިވާރސިޓީ ތައުލީމަށް ތައްޔާރުކުރުމުގެ ޕްރޮގްރާމެއްވެސް މި އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއައިއިން ބުނެއެވެ. މި ކޯސް ފުރިހަމަކޮށްގެން އޭލެވެލް ނުހަދާ ހުރިނަމަ ފަސޭހައިން އެމްއެމްއައިން ޑިޕްލޮމާއެއް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ އިންސްޓިޓިއުޓުން މަޢުލޫމާތުދެއެވެ.

އެމްއެމްއައިއިން ހިންގާ ކޯސްތަކުގެ ފީއާއި އިތުރު މަޢުލޫމާތު އެމްއެމްއައި ހުންނަ ދިވެހިރާއްޖޭގެ އަޑުން ލިބޭނެކަމަށް އެ އިންސްޓިޓިއުޓުން މަޢުލޫމާތުދެއެވެ. އެމްއެމްއައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް ހިންގަމުން އަންނައިރު، ސްކޫލް ޗުއްޓީއާ ދިމާކޮށް އެމްއެމްއައިއިންވަނީ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ"ގެ ނަމުގައި ޚާއްޞަ ކުރު ކޯސްތަކެއްވެސް ހިންގާފައެވެ.