ޚަބަރު

ޤަވާއިދެއް ނެތުމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުނުވާންވީ ސަބަބެއް ނޫން - ނާއިބު ރައީސް


ވަކި ޤަވައިދެއް ހެދިފައި ނެތުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހުއްޓުމަކަށް އަންނަންޖެހޭ ސަބަބެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގައި އިމާރާތްކުރަމުންދާ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް އެތަންތަން އިންސްޕެކްޓް ކުރުމުގެ ކަންކަން ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހައުސިންގ މިނިސްޓްރީއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރިކަމަށާއި އާދިއްތަ ދުވަހު ހިނގާދިޔަ ޙާދިސާގެ ކުރިންވެސް މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގާފައިވާކަމަށެވެ. އަދި މިފަދަ ކަމެއް ކޮންމެ މީހަކަށް ދިމާވިޔަސް މިފަދަ ކަންކަމަކީ ކުޑަކަމެއްގެ ގޮތުގައި ސަރުކާރުން ނުބައްލަވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ދިވެހިންނަށް ލިބިދޭ ސަލާމަތާއި، ރައްކާތެރިކަން ތަފާތުކުރުމެއް ނެތި ކަށަވަރުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނައިބުރައީސް ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަކި ޤަވާއިދެއްނެތުން އެއީ އުޒުރެއް ނޫންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ޙަޤީޤަތަކީ މިއަދު ކޮންމެވެސް ބަޔަކު އިހުމާލުވުމުގެ ސަބަބުން ފުރާނައެއް ގެއްލިގެން ގޮސްފައިވާކަކަން ކަމަށާއި، އެއީ އިޔާދަކުރެވޭނެފަދަ ގެއްލުމެއް ނޫންކަމަށެވެ. މާލޭގައި ހަދަމުންދާ ޢިމާރާތްތައް އިންސްޕެކްޓްކުރުމަށް އެކުލަވާލާފައިވާ ޓާސްކް ފޯސްއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މާލޭގައި ޢިމާރާތްކުރާ ތަންތަން މޮނިޓަރކޮށް އިންސްޕެކްޓް ކުރެވޭ ފަދައިން މިމަސައްކަތް އަތޮޅުތެރޭގައި ފެށުމަށްވެސް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"
"ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމަށްޓަކާ އެކަން ނުކޮށް ހަމަ އެންމެ ދުވަހެއްވެސް މަޑެއް ނުކުރެވޭނެ، އެކަމާ ގުޅުންހުރި ވަކި ގަވައިދެއް ނެތިގެން ކަމެއް ނުހުއްޓުވޭނެ. ގެއްލިގެންދާ ފުރާނަޔަކީ އަޅުގަނޑުމެނަށް އަނބުރާ ހޯދޭނެ އެއްޗެއްނޫން."
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ މާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ހިންގަމުންދަނީ 9 ޒޯނަކަށް ބަހާލައިގެންކަމަށާއި މީގެ ތެރޭގައި މާލެއާއި، ހުޅުމާލެއާއި، ވިލިމާލެ ހިމެނޭހެން މިހާރު ގާތްގަނޑަކަށް 473 ސައިޓުގައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހުރިހާ ސައިޓްތައްވެސް ބެލުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން އަމާޒަކީ ކުރިއަށް އޮތް ހަފްތާއެހާ ދުވަހުގެ ތެރޭގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސައިޓުތައް އިންސްޕެކްޓްކޮށް ނިންމާލުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ޢާއްމުންގެ ފަރާތުން ސިޓީކައުންސިލަށް ހުށަހަޅާ މައްސަތަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައްވެސް ޓާސްކްފޯސްއިން ބަލަމުންދާނެކަމަށް ސިޓީކައުންސިލުން ބުނެއެވެ.

މާލޭގައި ޢިމާރާތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލި ޓާސްކް ފޯސްގައި މާލެ ސިޓީ ކައުންސިލާއި، ޕްލޭނިން މިނިސްޓްރީއާއި، ފުލުހުންނާއި، ސިފައިންގެ އިތުރުން އެޗްޑީސީއާއި، ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއާއި، އާކިޓެކްޗަރ އެސޯސިއޭޝަނާއި، އިންޖިނިއަރިން އެސޯސިއޭޝަންގެ ބޭފުޅުން ހިމެނެއެވެ.