ޚަބަރު

ފުލުހުންގެ ކަންކަން މޮނިޓަކުރުމަށް އާންމުންގެ ޚިޔާލު ހޯދަނީ


ފުލުހުންގެ ޚިދުމަތާއި ފުލުހުންގެ ކަންކަން މޮނިޓަކޮށް ބެލެހެއްޓުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރާނެ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ "ނެއިބަރހުޑް ސަޕޯޓް އޮފިސަރުން" އިފްތިތާޙްކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން އެކްޓިން ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންގެ މުޢައްސަސާގެ މަސައްކަތް އަލުން ތަރުތީބުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން އެކުވެރިކަމާއެކު ޚިދުމަތްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ މެދުގައި ފުލުހުންގެ މުޢައްސަސާ އާއި ދޭތެރޭ ހުރި ހިތްހަމަނުޖެހުންތައް ނައްތާލާ ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލު ހުށަހެޅޭނެ ގޮތް ހެދުމަކީ އެ މުޢައްސަސާ އިން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަކަމެއްކަމަށް އެކްޓިން ސީޕީ ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާއާ ދޭތެރޭ ހުރި އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއްވާނަ އަޅުގަނޑުމެން ގަސްތުމިކުރަނީ ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ޕަބްލިކް ފީޑް ލިބޭނެ އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރަން. ފީޑްބެކޭ މިދެންނެވީ ކޮންމެ ފަރުދަކުވެސް ފުލުހަކާ މަގުމަތިން ބައްދަލުވާއިރު ނުވަތަ މަގުމަތިން ދަތުރުކުރާއިރު ދިމާވެގެން އެމީހަކާ މުއާމަލާތްކުރާގޮތް އެނގެންޖެހޭ." އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

ފުލުހުންގެ މަރުކަޒު ހިންގެވުމާއި ހަވާލުވެޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެކްޓިން ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެ ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

އެކްޓިން ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުން މަސައްކަތްކުރާނީ ޤާނޫނީ އިމުގެތެރެއިން ޕްރޮފެޝަނަލްކޮށްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދާއި އެ އަޒުމްގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.