ޚަބަރު

އިމާރާތްކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުންފުނިތަކާ މަޝްވަރާކޮށްފި


މާލޭގައި އިމާރާތްކުރުމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ އެމައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުން އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއެކު މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ހުންނަކަން ސިޓީކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މިބައްދަލުވުމުގައި ބައިވެރިވި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން ވަނީ މިދާއިރާގައި ހުރި ގިނަ މައްސަލަތަކާއި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ކަމާ ގުޅުންހުރި މިނިސްޓްރީތަކުން ލިބެންވާ ހުއްދަތައް ނުލިބުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ދިމާވަމުންދާކަމަށް ބައްދަލުވުމުގެ ބައިވެރިންވަނީ ފާހަގަކޮށްފައެވެ.

މިބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫއަރާގޮތަށް ހިނގަމުންދާ ކަންކަން ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ހައްލުކުރާނެކަމަށް ބުނެފައެވެ. އެގޮތުން ހަދަމުންދާ އިމާރާތްތަކަށް ބަރު ތަކެތި ވާޖަހައިގެން އުފުލަމުންދަކަން ފާހަގަކޮށް، މިކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިބައްދަލުވުމަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މިބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުން ވަނީ އެފަރާތްތަކުންވެސް އިސްލާޙުކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާގައި ގިނަ ފީތަކެއް ނަގަމުންދާއިރު އެފީތަކަކީ ހަރުދަނާ އުސޫލެއްގެ ދަށުން ނަގާ ފީތަކެއްތޯ ބައެއް ކުންފުނިތަކުންވަނީ ސުވާލު އުފައްދާފައެވެ. ކޮންސްޓްރަކްޝަން ކުންފުނިތަކުން ނަގާ ފީއަކީ ރައްކާތެރިކަން ކަށަވަރުކުރުމަށް ނަގާފީއެއްގޮތުގައި ކަނޑައެޅުމަށް ކުންފުނިތަކުން ވަނީ ހުށަހަޅާފައެވެ.

މާލެ ސިޓީކައުންސިލުން ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއެކު ޚާއްޞަ ބައްދަލުވުމެއް ބާއްވާފައިވާއިރު ޢިމާރާތްކުރުމުގެ ދާއިރާގައި އެކަށީގެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ސިޓީ ކައުންސިލުންދަނީ މަސައްކަތްކުރަމުނެވެ.