އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވައިދުތައް ހަދާ ނިމެންދެން އިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓުވާދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޤާނޫނީ ވަކީލުންތަކެއް ސިވިލްކޯޓަށް ހުށައަޅައިފިއެވެ.
ޤާނޫނީ ވަކީލުންގެ ޓީމަކުން އިމާރާތްކުރުން ވަގުތީ ގޮތުން ހުއްޓުވާ ދިނުމަށް އެދިފައި މިވަނީ މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކަށް އަނިޔާވެފައިވަނިކޮށެވެ.
ސިވިލްކޯޓަށް ހުށައެޅ މައްސަލާގައި ބުނެފައިވަނީ އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ 14 ގަވައިދެއް ކަނޑައަޅާފައިވާ މުއްދަތުގައި ހައުސިން މިނިސްޓްރީން ހަދާފައިނުވާކަމަށެވެ. އަދި އެ ޤަވައދުތައް 30 ދުވަހުގެ ތެެރޭގައި އެކުލަވާލާ އާއްމުކުރުމަށް އަމުރުކޮށްދިނުމަށްވެސް ޤާނޫނީ ވަކީލުންގެ ޓީމުން ސވިލްކޯޓަށް ހުށައެޅީ މައްސަލާގައި ބުނެފައިވެއެވެ. އަދ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވައިދުތައް ހެދުމެއްނެތި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޤާނޫނާއި ހިލާފަށްކަމުން އިމާރާތްކުރަމުންދާ ތަންތަން ބަލާ ފާސްކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވި އނުވަ އަހަރުގެ އަންހެން ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވެދެމުންދަނިކޮށް މިއަދު ވަނީ މަރުވެފައެވެ.
އިއްޔެ ހިނގި ހާދިސާއާއި ގުޅިގެން މާލޭގައި އިމާރާތްކުރަމުންދާ ތަންތަނުގެ އިންސްޕެކްޝަނެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އަމުރުކުރައްވާފައެވެ.