ޚަބަރު

ސިފައިން ދެމިތިބެންވާނީ ބަދަހި ލަޝްކަރެއްގެ ގޮތުގައި - ޗީފް


ސިފައިން ދެމިތިބެންވާނީ އަސްކަރީ އަޚުލާގާއި ފަންނީ ޤާބިލުކަންހުރި ބަދަހި ލަޝްކަރެއްގެ ގޮތުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ރޭ ކަޅުތުއްކަލާ ކޮށީގެ ހެވިކަމުގެ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ސިފައިންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ، ޤައުމަށް ޚިދުމަތް ކުރުމުގައި ސިފައިންނަކީ ފަޚުރުވެރި، ޝަރަފުވެރި ބައެއް ކަމަށާއި، ރައްޔިތުންނާ އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް އެދޭކަމަށެވެ.

އަދި ސިފައިން ކޮށްގެންތިބި ހުވައިގެ މަތިން ހަނދާން އާކޮށް ޤާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ދެމިތިބުމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ސިފައިންގެއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސާލިޙް އަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ސިފައިންނާ ބައްދަލުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.