ޚަބަރު

ރައީސްގެ ދެކަނބަލުންނާ އިންޑިއާގެ ރައީސް ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެއަށްފަހު އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އިންޑިޔާގެ ރައީސަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.

ރާޝްތުރަޕަތީ ބަވަނުގައި އޮތް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަޤްބަރާ، ރާޖްގަޓަށް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.