ކުޅިވަރު

އެލަޔަންސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ކަމަނަ އޮޅު އެފްސީ ހޯދައިފި


ހއ ބާރަށުގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އެލަޔަންސް ސްޕޯރޓްސް ކުލަބުން އެރަށުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާ އެލަޔަންސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ކަމަނަ އޮޅު އެފްސީ އިން ހޯދައިފިއެވެ. ޖުމްލަ 11 ޓީމެއް ބައިވެރިވި މިމުބާރާތުގެ ފައިނަލްގައި ވާދަކުރީ ކަމަނަ އޮޅު އެފްސީ އަދި ކެޕިޓަލް ބޯއީސްއެވެ.

ބާރަށު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ކްޕިޓަލް ބޯއީސްގެ މައްޗަށް ކަމަނަ އޮޅު އެފްސީ ކުރިހޯދާފައިވަނީ 4 - 1ގެ ނަތިޖާއަކުންނެވެ. ކަމަނަ އޮޅު އެފްސީއަށް ލަނޑުތައް ޖަހައިދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ މުއާދާއި، އަޙްމަދު މައުރޫފްއާއި މުޙައްމަދު މުސްތަފާއެވެ. މުއާދުވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. މިމެޗުގައި ކެޕިޓަލް ބޯއީސްގެ ހަމައެކަނި ގޯލް ޖަހައިދީފައިވަނީ އަަޙްމަދު ފައިޒަނެވެ.

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ސްޓަރ ޖޫނިއަރސް ހޮވިފައިވާއިރު މުބާރާތުގެ އެންމެ ގިނަ ގޯލް ކާމިޔާބުކޮށް ޓޮޕް ސްކޯރަރގެ މަޤާމު ހޯދާފައިވަނީ ކަމަނަ އޮޅު އެފްސީގެ ޢަބްދުﷲ މިސްބާހެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ކަމަނަ އޮޅު އެފްސީގެ ޢަބްދުﷲ މުއާދު، އަބްދުﷲ މިސްބާހު. އެލަޔަންސް ސްޕޯރޓްސްގެ މުޙައްމަދު ރަޝީދުގެ އިތުރުން ކެޕިޓަލް ބޯއީސްގެ އަޙްމަދު ފައިޒަން އަދި މުޙައްމަދު އުނައިޝެވެ. މިމުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ އެލަޔަންސް ސްޕޯރޓްސްގެ އިބްރާހީމް އިލްހާމެވެ.

މިމުބާރާތަކީ ބާރަށުގެ ޒުވާނުންގެ ޖަމިިއްޔާއެއްކަމަށްވާ އެލަޔަންސް ސްޕޯރޓްސް ކުލަބުން، ބޮޑު ޗުއްޓީއާއި ދިމާކޮށް ކުޅިވަރުގެ ރޫޙު އާލާކުރުމުގެގޮތުން ކުރިއަށްގެންދިޔަ މުބާރާތެކެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައިވެސް މިފަދަ މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިކުލަބުން މަޢުލޫމާތުދެއެވެ.