ވިޔަފާރި

މަންތާ އެއާރގެ ދެވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފި


ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރަން ފަށާ ތިންވަނަ އެއާރލައިން، މަންތާ އެއާރގެ ދެވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ.

މި ބޯޓަކީ ފަރަންސޭސިވިލާތުގެ އެއަރ ކްރާފްޓް އުފައްދާ މަޝްހޫރު ކުންފުނި އޭ.ޓީ.އާރުގެ އެންމެ ފަހުގެ އުފެއްދުމެކެވެ. އޭ.ޓީ.އާރް 72-600 މަރުކާގެ މި ބޯޓަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ ޢަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓެކެވެ. މަންތާ އެއަރއިން ފުރަތަމަ ރާއްޖެ ގެނެސްފައި ވަނީ ވެސް އޭޓީ.އާރް 72-600 މަރުކާގެ ބޯޓެކެވެ.

އެތެރޭގެ އުދުހުންތަކަށް މަންތާއިން 3 މަތިންދާބޯޓު ރާއްޖެ ގެންނަން ހަމަޖެހިފައިވާއިރު އަންނަ އަހަރުގެ ކުރީ ކޮޅު ތިންވަނަ މަތިންދާބޯޓު ރާއްޖެ ގެންނާނެކަމަށް މަންތާ އެއަރއިން ބުނެއެވެ.

ވައިގެ ދަތުރުތަކަށް މަތިންދާބޯޓުގެ އިތުރުން ސީޕްލޭންގެ ދަތުރުތައް ފެށުމަށް ވެސް މަންތާ އެއަރއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 6 ސިޕްލޭން ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާއިރު މި ސީޕްލޭންގެ ދަތުރުތައް ފަށާނީ އަންނަ އަހަރުކަމަށް މަންތާ އެއަރއިން ބުނެއެވެ.

މަންތާ އެއަރގެ ދަތުރުތައް ފަށާނެ ތާރީޚެއް ކަނޑައަޅާފައި ނުވިނަމަވެސް މި އެރލައިންގެ ދަތުރުތައް ފުރަތަމަ ފަށަން ހަމަޖެހިފައިވަނީ ދ.ކުޑަހުވަދޫއަށެވެ. އަދި މަންތާގެ ޚިދުމަތްތައް ފަށައި މަސައްކަތްތައް ފުޅާވުމާއެކު އިތުރު ސަރަޙައްދުތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މަންތާ އެއަރއިން ބުނެއެވެ.

މަންތާ އެއަރގެ ފުރަތަމަ ބޯޓު ރާއްޖެ ގެނައި ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މަންތާ އެއާރގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ މަންތާ އެއާރގެ އުދުހުންތައް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ. އެހެންނަމަވެސް އުދުހުންތައް ފަށާނީ ސިވިލް އޭވިއޭޝަނުގެ ހުއްދަ ލިބިގެންކަމަށް އޭނާ ވިދާޅުވިއެވެ.

މަންތާ އެއާރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ފަށާ ތިންވަނަ އެއާރލައިނަށް ވީއިރު މިވަގުތު އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވަނީ ޤައުމީ އެއާރލައިން މޯލްޑިވިއަންގެ އިތުރުން ފްލައިމީއެވެ.