ވިޔަފާރި

ސައިޓުތަކުގައި އެކަށީގެންވާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެއް ނުހުރޭ- މަސީ


ރާއްޖޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓުތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުހުންނަކަން ފާހަގަކުރެވިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ބުނެފިއެވެ.

އެޖަމުޢިއްޔާއިން މިހެން ބުނީ ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ޢިމާރާތެއްގެ ކައިރިން ޕޭމެންޓުން ހިގާފައިދިޔަ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

މިބަޔާނުގައި އިމާރާތްކުރުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މަސައްކަތް ކުރާ މީހުންނާއި އަވަށްޓެރީންނަށް ގެއްލުން ނުވާނޭގޮތެއްގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް މަސީން އިލްތިމާސްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފަހަކަށް އައިސް މާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ނުރައްކާތެރި ޙާދިސާތައް ހިގަމުންދާކަން ރެކޯޑްކުރެވިފައިވާކަމަށް މަސީން ބުނެއެވެ.

މަސީގެ ބަޔާނުގައި މާލޭގައި އާއި، އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްރަށުގައި އާއި، ރިސޯރޓްތަކާއި އިންޑަސްޓްރިއަލް ތަންތަނުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރަމުންގެންދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.